ENGLISH

24 އޭޕްރީލު 2025

Advertisement

ތިނަދޫ ކައުންސިލުން އަމަލުކުރީ އުސޫލާ ޚިލާފަށް، ފެލްޓް ލިބޭ މީހުން ކަނޑައެޅުމަށް މިނިސްޓްރީން އުސޫލު އެކުލަވާލަނީ

24 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ގދ. ތިނަދޫ ސިޓީ ކައުންސިލް

ގދ. ތިނަދޫ ސިޓީ ގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ދަށުން އެތަންތަން ދޫކުރުމަށް ކޮށްފައިވާ އިޢުލާނަކީ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ލަފާ އަދި އެންޑޯސްކުރުމަކާއި ނުލައި ކޮށްފައިވާ އިޢުލާނެއް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށްވާއިރު، އެ ސިޔާސަތު ތަންފީޛުކުރުން މަތިކޮށްފައިވަނީ އެ މިނިސްޓްރީއަށް ކަމަށެވެ. އެގޮތުން މިނިސްޓްރީގެ މެންޑޭޓްގައި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވައިލައި އެ އުސޫލުތައް ހިންގުން ހިމެނޭ ކަމަށެވެ.

މި މެންޑޭޓްގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިންގ ޔުނިޓްތައް އިމާރާތްކޮށް، ޔުނިޓްތައް ޙަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތައް މިނިސްޓްރީން ކުރަމުންގެންދާކަމާއި، އޭގެ ތެރެއިން، ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢު އަކީ ވެސް  އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެއް މަޝްރޫޢުއެއް ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މީގެކުރިން ވެސް މިނިސްޓްރީން އެންޑޯސްކޮށް ހުއްދަ ލިބިގެން ކަމަށާ ނަމަވެސް ޖަނަވަރީ 29 ގައި، ތިނަދޫ ސިޓީ ކައުންސިލުން މިނިސްޓްރީގެ ހުއްދަ ނެތި ހައުސިންގ ޔުނިޓް ދޫކުރުމަށް އިޢުލާނު ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާން ބާޠިލްކުރުމަށް މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވާ ކަމާއި އަދި ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް، މިއަދާހަމައަށް ތިނަދޫ ސިޓީ ކައުންސިލަށް އެންގި އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ތިނަދޫ ސިޓީ ކައުންސިލުން 200 ހައުސިންގ ޔުނިޓް ދޫކުރުމަށް ކޮށްފައިވާ އިޢުލާންއަކީ މިނިސްޓްރީގެ ލަފާ އަދި އެންޑޯސްކުރުމަކާއި ނުލައި ކޮށްފައިވާ އިޢުލާނެއް ކަމުގައިވާތީ، މި އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށެވެ.

އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މި ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށްފަހު ވީ އެންމެ އަވަހަކަށް އިޢުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު