ENGLISH
24 އޭޕްރީލު 2025
އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ތަހުޤީޤު ކުރަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
24 އޭޕްރީލު 2025
|
އެޗްއާރްސީއެމް
މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނެއް ވެއްޓިފައިއޮއްވާ ފެނިފައިވާ ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ތަޙްޤީގު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންް ބުނެފި އެވެ.
އެ ކޮމިޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ހާދިސާ ތަހުޤީޤު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ މީހުންނަކީ ދައުލަތުގެ އިސް ބޭފުޅުންނާއި ގުޅުންހުރި ބައެއް ކަމަށް ތުހުމަތުކޮށް މި މައްސަލައިގެ ތަހުޤީޤަށް ނުފޫޒު ފޯރުވަމުން ދާކަ މަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާތީ ކޮމިޝަނުން ތަހްޤީޤު ކުރުމުގައި އެކަންކަމަށް ރިއާޔަތް ކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ކަންކަން ކޮމިޝަންގެ ސަމާލުކަމަށް އައުމާ ހިސާބުން ކޮމިޝަނުން ވަނީ އަނިޔާވެފައިވާ މީހާގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައި ކަމަށާ އެގޮތުން، އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދު ވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.
ޖިނާއީ ތަހުޤީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމު ކުރުމަކީ ތަޙްޤީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފެޓޭޖް އެކަނި ދައްކާފައިވުމަކީ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"އަދި މީގެ ސަބަބުން، އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ,"
މީގެ އިތުރުން، ކުރީރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މި ހާދިސާގައި އަނިޔާވި މީހާ ފިޔަވައި މައްސަލައާ ގުޅުންހުރި އެހެން މީހެއްގެ ނަމާއި މައުލޫމާތު ހާމަކޮށްފައިނުވާއިރު، ހަމައެކަނި މި ހާދިސާގައި އަނިޔާވި މީހާގެ މަޢުލޫމާތު ހާމަކޮށްފައިވުމަކީ، އަނިޔާވި މީހާއި ހާދިސާގައި ހިމެނޭ އެހެން މީހުން ތަފާތުކުރުން ކަމުގައި ބެލެވޭތީ މިއީ ވެސް ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
"ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިއަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިއަގޮތް ކަމަށް ދޭހަވާނެފަދަ ގޮތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކޮށްފައި ވުމަކީވެސް މި ކޮމިޝަންގެ ނުހަނު ކަންބޮޑުވުން އޮތް ކަމެކެވެ. އަދި މިއީ ފުލުހުންނާމެދު އާންމުންގެ އިތުބާރު ގެއްލި ތަހްގީގުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭނެ ފަދަކަމަކެއްކަމުގައިވެސް ދެކެމެވެ,"
އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެތިބެ، ވަށާޖެހޭ، ފުރިހަމަ އަދި ނަޒާހާތްތެރި ތަހުޤީޤެއް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވަނީ ބުނެފަ އެެވެ.
މި ހާދިސާގައި އަނިޔާވި މީހާއާ އޭނާގެ އާއިލާގެ ޤަދަރާއި ކަރާމާތަށް އިޙްތިރާމްކޮށް، އެ މީހާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެއްވެސް ބަޔަކު އާންމު ނުކުރުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސް ކޮށްފަ އެވެ.