ENGLISH
24 އޭޕްރީލު 2025
އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނޭދެވޭ އަސަރެއް އަދި ފާހަގައެއް ނުކުރެވޭ: ޓޫރިޒަމް މިނިސްޓަރު
24 އޭޕްރީލު 2025
|
ޓޫރިޒަަމް މިނިސްޓަރު ޠާރިޤު އިބްރާހީމް-- ފޮޓޯ/ ރައީސް އޮފީސް
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރިތާ ދިހަ ވަރަކަށް ދުވަސް ފާއިތުވެފައިވާއިރު، އެކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރެއް އަދި ފާހަގަކުރެވިފައި ނުވާކަމަށް ޓޫރިޒަަމް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުމަށް ފާއިތުވި އަހަރުގެ ޖުލައި މަހުގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ވަނީ އެ ބިލް ތަސްދީޤު ކުރައްވާފަ އެވެ.
މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ 2023، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޠާރިޤު ވިދާޅުވީ އިސްރާއީލު ޕާސްޕޯޓް މަނާކުރުމާ ގުޅިގެން، ޓޫރިސްޓުން އަންނަ މިންވަރަށް އަތުވެދާނެ ބަދަލުތައް މިނިސްޓްރީން ބަލަމުން ގެންދާކަމެވެ. މިވަގުތު ރާއްޖެގައި، އިސްރާއީލުގެ އެއްވެސް ޓޫރިސްޓެއް ނެތުމަކީ ވެސް ގާތްކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކަމާ ގުޅިގެން ރާއްޖެ ނާންނަން މާސް ކެމްޕޭނެއް އެއްވެސް ބަޔަކު ކުރާކަށް އެނގިފައެއް ނެތް. އެހެންނަމަވެސް މީޑިޔާ ތަކުގައި ލިޔެފައި އެބަހުރި ރާއްޖެއަށް ގެއްލުން ވާނޭ ނުނީ ވެދާނޭ. ޕޮޒިޓިވް ޚަބަރުތައް ވެސް ވަރަށް ގިނަ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް މޮނީޓާކުރަމުން މިދަނީ،" ޠާރިޤު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ އެނޫން ވެސް ބޭރުގެ ފަރާތްތަކަށް، ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ނިންމި ސަބަބު އޮޅުންފިލުވައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން އިސްރާއިލް ޕާސްޕޯޓު މަނާކުރި ވަގުތަކީ، އެ ފިޔަވަޅު އަޅަން މުނާސަބު ވަގުތެކެވެ. ރާއްޖެއަށް 2023 ވަނަ އަހަރު އިސްރާއީލުގެ ޕާސްޕޯޓުގައި 10,966 ޓޫރިސްޓުން އެތެރެވި ނަމަވެސް، މިދިޔަ އަހަރު އެތެރެވެފައި ވަނީ 1,435 ޓޫރިސްޓުންނެވެ.
އިސްރާއީލުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މި އަަހަރު ވަރަށް ބޮޑަށް މަދުވުމާއެކު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައި އިސްރާއީލުގެ ޓޫރިސްޓުންގެ އަދަދު ވަކިން ފާހަގަ ކޮށްފައެއް ނުވެއެވެ. މިހާރު އިސްރާއީލުގެ ޓޫރިސްޓުންގެ އަދަދު ހިމަނާފައިވަނީ ތުރުކީ އާއި ސައިޕްރަސް ފިޔަވާ އީސްޓު މެޑިޓްރޭނިއަންގެ އެހެނިހެން ގައުމުތަކުން ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރޭގައެވެ. އީސްޓު މެޑިޓްރޭނިއަންގެ އެހެނިހެން ގައުމުތަކުން، އިސްރާއީލްގެ ޓޫރިސްޓުން ހިމެނޭ ގޮތަށް، ރާއްޖެ އައިސްފައިވަނީ 156 ޓޫރިސްޓުންނެވެ.
ރާއްޖެއިން އިސްރާއިލުގެ ޕާސްޕޯޓު މަނާކޮށްފައި މިވަނީ ހަނގުރާމަ އާއި އެހެނިހެން ސަބަބުތަކާ ހުރެ، އިސްރާއީލުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއްގައެވެ.