ENGLISH
09 މޭ 2025
އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރެފި
24 އޭޕްރީލު 2025
|
އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކުރުން -- ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރެފި އެވެ.
އެ މަސައްކަތް އެ ކުންފުނިން ފެށީ ޖެނެރަލް އިލެކްޓްރޯނިކްސް (ޖީ.އީ) ހެލްތްކެއަރއިން 2018 ގައި ރާއްޖޭގައި ހެދި ދިރާސާއަކުން ސިއްޙީ ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިންގެ ނިސްބަތް ވަރަށް ދަށް ކަމަށް ދެއްކުމުންނެވެ.
މި ދިރާސާއިން ރާއްޖޭގެ ރޭޑިއޯގްރަފަރުންގެ ވަޒީފާތަކުގައި މަސައްކަތްކުރަމުން ގެންދަނީ ގިނަ އަދަދެއްގެ ބިދޭސީން ކަން ހާމަވުމުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ރޭޑިއޯގްރަފީ ދާއިރާއަށް ދިވެހިން އުފެއްދުމަށާއި، ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އެސްޓީއޯ އާއި ޖީ.އީ ހެލްތްކެއަރ ގުޅިގެން ކޯހެއް ހިންގުމާ ބެހޭގޮތުން މަޝްވަރާކޮށް ފަހުމުނާމާގައި ސޮއިކުރި އެވެ.
އެސްޓީއޯއަކީ ޖީ.އީ ހެލްތްކެއަރގެ ގިނަ އަދަދެއްގެ އުފެއްދުންތައް ރާއްޖެއަށް ގެނެސްދޭ ކުންފުންޏެއް ކަމަށްވުމާއެކު، އަދި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތަކަށްވާތީ، ޖީ.އީ ހެލްތްކެއަރއާ ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި ކޯސް ހިންގުމަށްޓަކައި، އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް ގާއިމުކޮށް، 2019 ވަނަ އަހަރު ހަޔާރ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީކޮށް އެ އަހަރުގެ ފެބްރުވަރީ މަހު، ކޯހުގެ މުޤައްރަރާއި އެހެނިހެން ލިޔެކިޔުންތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި، ކޯސް ހިންގުމުގެ ހުއްދަ ލިބުމާ ގުޅިގެން، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ޚަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަރޝިޕްގެ ދަށުން ހަމަޖެއްސުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމި އެވެ. މީގެ އިތުރުން، ކިޔަވަމުންދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 2,300 ރުފިޔާގެ ޕޮކެޓްމަނީއެއް ދިނުމަށް ހަމަޖައްސާ ކޯސް ރަސްމީކޮށް އިޢުލާންކޮށް ހުޅުވާލި އެވެ.
އެސްޓީއޯ އިން ބުނީ ކޯހުގައި ބައިވެރިވި 25 ދަރިވަރުންގެ ތެރެއިން 23 ދަރިވަރުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައި ކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް މި ދާއިރާއިން ދެ ދަރިވަރަކު ވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފައި ކަމަށާ އަދި އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމުގެ މަރުޙަލާގައި ދަނީ މަސައްކަތްކުރަމުން ކަމަަށެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކުރިއެރުމެއް ކަން ފާހަގަކޮށް އެސްޓީއޯ އިން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ބިނާކުރަނިވި ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ތައްޔާރަށް ތިބޭނެ އެވެ..
ރާއްޖޭގައި ފުރަތަމަ ބޭއްވުނު ރޭޑިއޯގްރަފީ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 23 ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ މިރޭ ވަނީ ވިލާ ކޮލެޖްގައި ބާއްވާފަ އެވެ.
މިރޭ އޮތް ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އެ ދަރިވަރުންނަށް ސެޓިފިކެޓް ހަވާލުކޮށް ދެއްވާފަ އެވެ.