ENGLISH

09 މޭ 2025

Advertisement

ފުރާޅަށް ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅުވައި ކުރެވޭ ތުހުމަަތުތަކަަށް އަމީނު ޖަވާބުދެއްވައިފި

23 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން، ފޮޓޯ: ރައީސް އޮފީސް

އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅަށް އަންހެންކުއްޖަކު ވެއްޓުނު މައްސަލާގައި ބައެއް ފަރާތްތަކުން މީސްމީޑިޔާގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީނަށް އަމާޒުކުރަމުންދާ ތުހުމަަތުތައް އޭނާ ދޮގުކުރައްވައިފިއެވެ. 

އެ މައްސަލައާ ގުޅިގެން އެކްސްގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާދިސާގައި އަނިޔާވެ ފަރުވާ ހޯދަމުން އަންނަ 21 އަހަރުގެ ޒުވާން އަންހެންކުއްޖާއަށް އަވަސް އަދި ފުރިހަމަ ޝިފާއެއް ދެއްވުން އެދި ދުއާކުރައްވާ ކަމަށެވެ. 

އަމީނު އިތުރަށް ވިދާޅުވީ އޭޕްރީލު 18 ވަނައަށްވީ ހުކުރުވިލޭރޭ އޭނާ ދިރިއުޅުއްވާ އިމާރާތުގައި އެއްވުމެއް އޮތް ކަމަށެވެ. ނަމަވެސް އެ އިމާރާތަކީ މިނިސްޓަރު އަމީނުގެ އެކަނި މިލްކެއް ނޫންކަމަށާއި، އެއީ އަމީނުގެ އިތުރަށް އޭނާގެ ތިންބެއިންގެ ގެއެއްކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ އެ އެއްވުން އޮތީ އޭނާ ދިރިއުޅުއްވާ ތަނުގައި ނުވަތަ އެޕާޓުމެންޓުގައި ނޫން ކަމަށެވެ. އަދި އެ އެއްވުމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި އަމީނު ވިދާޅުވީ އޭނާ ދިރިއުޅުއްވާ ތަން ނުވަތަ އެޕާޓުމެންޓުގެ ބޭރުގައި ހިނގާ ކަމެއްގެ މައްޗަށް އޭނާގެ ބާރެއް ނުހިނގާނެ ކަމަށެވެ. 

އިތުރަށް އަމީނު ވިދާޅުވީ އެ އެއްވުމުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ ކުއްޖަކު ބައިވެރިވިކަމަށާއި، އެރޭގެ ހާދިސާތަކާ ގުޅޭ ގޮތުން ފުލުހަށް އެ ދެ ބެއިން ހާޒިރުކޮށް ސުވާލުކުރެވިފައިވާ ކަމަށެވެ. 

އަދި އެރޭގެ ކަންކަން އޭނާއަށް އެނގިވަޑައިގަތީ ހުކުރުދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައިކަން ހާމަކުރައްވަމުން އަމީނު ވިދާޅުވީ ސަރުކާރުގައި ގާނޫނު ތަންފީޒުކުރުމާއި ތަަހުގީގުތައް ހިންގުމާ ގުޅޭ އެއްވެސް ޒިންމާއެއް އަދި ބާރުވެރިކަމެއް އޭނާއަށް ލިބިވަޑައިގެންފައި ނޯންނަ ކަމަށެވެ. 

އިތުރަށް މިނިސްޓަރ ވިދާޅުވީ މި މައްސަލައާ ގުޅިގެން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ، ނުވަތަ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް އަދި އެހެންވެސް ބޭފުލަކަށް ގުޅުއްވައި ތަހުގީގު ހިނގަމުންދާ ގޮތުގެ މައުލޫމާތެއް އޮޅުންފިލުއްވައި، ނުވަތަ ތަހުގީގު ހިނގަމުންދާ ގޮތަށް ނުފޫޒެއް ފޯރުއްވުމަށް މަސައްކަތްކުރައްވާފައި ނޯންނާނެ ކަމަށެވެ. އެއީ ތަހުގީގަށް ނުފޫޒު ފޯރުއްވާކަމުގެ ތުހުމަތުން ބަރީއަވެވަޑައިގަތުމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

އަމީނު އިތުރަށް ވިދާޅުވީ މި ހަގީގަތްތަކާ ހިލާފަށް ސޯޝަލް މީޑިޔާގައި ފެތުރޭ ކޮންމެ ވާހަކައަކީ ކަމުގެ އަސްލާ ހިލާފު އަސާސެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށެވެ. 

އަމީނު އިޝާރާތްކުރެއްވި ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް ބުނެފައިވަނީ އަންހެން ކުއްޖާ ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ޖެހިގެންހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓުމުގައި މީހެއްގެ ބައިވެރިވުމެއް އޮތް ކަމުގެ ހެއްކެއް ނެތްކަމަށާއި، ތަހުގީގުން ހޯދުނު ގޮތުގައި މީހަކު އޭނާ ވައްޓައިލީކަަމަށް ބެލެވެން ނެތް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު