ENGLISH

09 މޭ 2025

Advertisement

އިމާމުންނަކީ ނަމޫނާ ބަޔަކަށް ވާން ނަބަވީގެ އިމާމު ނަޞޭޙަތްތެރިވެވަޑައިގެންފި

23 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިމާމުންނަކީ މުޖުތަމަޢުއަށް ނަމޫނާ ބަޔަކަށްވުމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ނަޞޭޙަތްތެރިވެލައްވައިފި އެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ޚަޠީބުންނާއި އިމާމުންނާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި މުޚާޠަބު ކުރައްވާ އެމަނިކުފާނުވަނީ އިމާމުންނާއި ޚަޠީބުންނަށް ގިނަ ނަޞޭޙަތްތަކެއް ދެއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ ނަމޫނާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށާއި، މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމުކަމެއްކަމަށެވެ. މީގެ އިތުރުން އިމާމުންގެ މާތްކަމާއި، މުޖުތަމަޢު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ވަނީ ނަޞޭޙަތްތެރިވެލައްވާފައެވެ.

އަދި ޢިލްމު ހޯދުމަކީ އިމާމުން ކޮންމެހެންވެސް ކުރަން ޖެހޭކަމެއްކަމަށާއި، ނަމާދާއި ގުޅޭ ޙުކުމްތަކާއި ދީނުގެ އެކި ޙުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމަކީ މުހިއްމުކަމެއްކަމަށާއި، ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރާއިރުވެސް އިމާމުންގެ ޙައިސިއްޔަތާއި ނުގުޅޭ ކަންކަން ޙިއްސާކުރުމާއި، ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށްވެސް ޢިލްމުވެރިންނަށް ނަޞޭޙަތްތެރިވެލައްވާފައިވެއެވެ.

އަދި ކަމާއި ބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުމަށާއި، އިމާމުކަމާއި ޚަޠީބުކަމުގެ މަސްޢޫލިއްޔަތަކީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއްކަމަށާއި، އެ މަސްޢޫލިއްޔަތު ވީހާވެސް ރަނގަޅަށް ފުރިހަމަ ކުރުން ޖެހޭކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު