ENGLISH

07 ޖުލައި 2025

Advertisement

ހދ. ކޭލަކުނާއި ށ. ފަރުކޮޅުގައި އީކޯ ޓޫރިޒަމް ތައާރަފުކޮށް، ޅ. އަތޮޅުގައި ބަޔޮސްފިޔާ ރިޒާވެއްގެ މަސައްކަތް ކުރިއަށް

23 އޭޕްރީލު 2025

|

އަހުމަދު ސައީދު

ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅު-- ފޮޓޯ/އެޑިޝަން

ހިމާޔަތް ކޮށްފައިވާ ދެ ރަށް ކަމަށްވާ ށ. ފަރުކޮޅުގައި އީކޯ ޓޫރިޒަމް ތައްރަފުކުރުމާއި ޅ. އަތޮޅުގައި ބަޔޮސްފިޔާ ރިޒާވް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޠާރިޤު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ތިން ސަރަހައްދެއް ބަޔޮސްފިޔާ ރިޒާވުގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އިތުރު ތިން ސަރަހައްދެއް ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ. މިގޮތުން ދެން އެންމެ އަވަހަށް ބަޔޮސްފިޔާ ރިޒާވެއް ކަނޑައެޅިގެންދާނީ ޅ. އަތޮޅުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ދެން ބަޔޮސްފިޔާ ރިޒާވް ހަދާނެ އަތޮޅަކީ ޅ. އަތޮޅު ކަމަށް ނިންމާ، އެ އަތޮޅުގައި ބަޔޮސްފިޔާ ރިޒާވް ހެދުމުގެ ދިރާސާތައް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. 

ޠާރިޤު ވިދާޅުވީ ހިމާޔަތްކޮށްފައިވާ ފަރުކޮޅާއި ރާއްޖެގައި ހަމައެކި ގުދުރަަތީ "ފޮރެސްޓް" އޮތް ކޭލަކުނު އިކޯ ޓޫރިޒަމް ބޭނުމަށް ހުޅުވާލުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ބަލަމުންދާ ކަމަށެވެ. 

"އެތަނުގައި (ފަރުކޮޅުގައި) އީކޯ ޓޫރިޒަމަށް ބޭނުންވާ ފެސިލިޓީސް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ. ޕްރޮޖެކްޓް މޭނޭޖުމަންޓް ޓީމުވެސް ނެގިފައި އޮތީ. މިރަށަކީ ވަރަށް ވަރުގަދަ ބަޔޯޑައިވާސިޓީއެއް، މިޔަރު ވިހާ މަޑި އެއްޗެހި ވިހާ ތަނެއް،" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ކޭލަކުނުގައި އީކޯ ޓޫރިޒަމް ތަރައްގީކުރައްވަން ނިންމަވާފައިވަނީ، އެރަށުގެ ފުރިހަމަކަން މީހުން ބަލާލަން ދާ ރަށެއްގެ ގޮތުގައެވެ. 

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ހަދަން ހުޅުވާލުމާއި ގުޅިގެން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެ ހުށަހެޅުންތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު، އެތަންތަން އެންމެ ރަނގަޅަށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މީހުން ތަމްރީނުކޮށް ހޭލުންތެރިކޮށް، ހިމާޔަތްކުރާ ސަރަހައްދުތައް ބެލެހެއްޓުން ހަރުދަނާކުރަން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު