ENGLISH
09 މޭ 2025
ޑރ. ބުދައިރު އަށް ދިވެހިންގެ ލޯބި: މަޣުރިބު ނަމާދަށް ސަލްމާން މިސްކިތް ފުރާލި
23 އޭޕްރީލު 2025
|
މިރޭ ސަލްމާނު މިސްކިތުގައި މަސްޖިދުއް ނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު.-- ފޮޓޯ/ ހުސައިން ވަސީއު
މިއަދު ހަވީރު 5:30 ވުމުގެ ކުރިން ސަލްމާން މިސްކިތަށް މީހުން ޖަމާވަމުން ދިޔައެވެ. ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި އެކި އުމުރުގެ ފިރިހެން ކުދިންނެވެ. ހައެއް ޖެހިއިރު، މިސްކިތުގެ ކުރީ ހަތަރު ސަފު އޮތީ ފުރިފައެވެ. މަޣުރިބު ނަމާދު ފަށަށްވާއިރަށް މުޅި މިސްކިތް އޮތީ ފުރި ބާރުވެފައެވެ.
ސަލްމާނު މިސްކިތުގައި މިރޭ އިމާމުވެ މަޣުރިބު ނަމާދުކުރެއްވީ މަސްޖިދުއް ނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު އެވެ. ޢިޝާ ނަމާދު ވެސް އެ މިސްކިތުގައި އިމާމުވެ ކޮށްދެއްވާނީ އެމަނިކުފާނެވެ.
މަޣުރިބު ނަމާދު ވަގުތު މިސްކިތުގެ ކުރީ ސަފުތަކުން ޖާގައެއް ހޯދީ ކުރިއާލައި މިސްކިތަށް ދިޔަ އުމުރުން 15، 16 އަހަރުގެ ކިޔަވާ ކުދިންނެވެ. އެ އުމުރުގެ ވަރަށް ގިނަ ކުދިން، އަޅައިގެން ތިބީވެސް އިސްލާމީ ވަންތަކަށް ދައްކައިދޭ ހެދުމެވެ.
މިރޭ ސަލްމާން މިސްކިތަށް މަޣްރިބް ނަމާދަށް ގޮސްތިބި ޒުވާން ފުރައިގެ ކުދިންތަކެއް-- ފޮޓޯ/ އެމްއެމްޓީވީ
މަޣުރިބު ނަމާދަށްފަހު ވާހަކަ ދައްކަމުން، އެ މިސްކިތަށް އާންމުކޮށް ދާ ހަސަން މުހައްމަދު ބުނީ ރަމަޟާން މަހެއްގައި ސަލްމާން މިސްކިތަށް މީހުން ދާ ވަރަށް މިރޭ މީހުން ޖަމާވެއްޖެ ކަމަށެވެ. އެނާ ބުނީ، މަސްޖިދުއް ނަބަވީގެ އިމާމުގެ ފަހަތުގައި ނަމާދުކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ކުރެވުނީ މައްކާގެ ޙަރަމްގައި ނަމާދު ކޮށްލެވުމުގެ އިހުސާސް،" ހަސަން ބުންޏެވެ.
ނަމާދުން ފޭބި ޒުވާން ކުއްޖަކު ބުނީ، އިމާމު ބުދައިރު ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވީ ވަރަށް ރީތިކޮށް ކަމަށެވެ. ކިޔެވުން ވަރަށް ސާފުވެފައި ހިތަށް ފިނިކަން ގެނެސްދިންކަމަށް އެޒުވާނާ ބުންޏެވެ.
ހޯމަ ދުވަހު ރާއްޖެ ވަޑައިގެންނެވި އިމާމު ބުދައިރުގެ މި ދަތުރުފުޅަކީ ދެ ޙަރަމުގެ އިމާމަކު 40 އަހަރު ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިސްކިތަށް ދިޔަ މީހުންގެ އަދަދުން އަންގައިދެނީ މިފަދަ ދީނީ އިލްމްވެރިން، ރާއްޖެއަށް ޒިޔާރަތްކުރައްވާ އެ ބޭފުޅުންގެ ފަހަތުގައި ނަމާދު ކުރުމުގެ ޝައުގު ދިވެހިންގެ ބޮޑުކަމެވެ. ބުދައިރު ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން ސަރުކާރުން ދެއްވި ޚާއްސަ ދަޢުވަތަކަށެވެ.