ENGLISH
09 މޭ 2025
އަންހެނަކު ވެެއްޓުނު ހާދިސާ: އެންއައިސީން ތަހުޤީޤެއް ފަށަނީ
23 އޭޕްރީލު 2025
|
ފުލުހުންތަކެއް -- ފޮޓޯ: ޕޮލިސް
މި މަހުގެ 17 ވަނަ ދުވަހު ހެންވޭރުގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުޤީޤެެއް ފަށަން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުގީގުގައި ފުލުހުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް އެކި ތުހުމަތުތައްކޮށް ވާހަކަ ދެކެވެމުންދާތީ ފުލުހުން އަމަލު ކުރަން ޖެހޭ އުޞޫލާއި ޚިލާފަށް އަަމަލު ކޮށްފައިވޭތޯ ބެލުމަށްޓަކައި ފުރިހަމަ ތަހުޤީޤެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ރޭ ވަނީ ނޫސްވެރީންނަށް ބައެއް މަޢުލޫމާތުތައް ހިއްސާ ކޮށްފަ އެވެ.
އިސްކަންދަރުކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އަންހެން މީހާ ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގެ ތަހުގީގަށް، 17 ވަނަ ދުވަހުގެ ރޭ އެ އަންހެން މީހާގެ ހަރަކާތްތައް ހުރިގޮތް ފުލުހުން ބަލަފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ބުނީ އަންހެން މީހާއާ އިތުރު ބަޔަކު އެރޭގެ ދަންވަރު ފުރަތަމަ ދިޔައީ މާލޭ މެދުގައި ހުރި އެހެން ގެއަކަށް ކަމަށެވެ. އަދި އެގެއަށް އެ އަންހެން މީހާއާއެކު އިތުރު 7 މީހުން ދިޔަކަން ފުލުހުން ހޯދާފައިވާ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ. އެގެއަށް ވަން ޖުމްލަ 8 މީހުންގެ ތެރެއިން ފުރާޅުމައްޗަށް ވެއްޓުނު އަންހެންމީހާއާ އެކު އިތުރު ތިން މީހަކު އިރުކޮޅެއް ފަހުން ދިޔައީ އަމީނީ މަގުގައި ހުރި ގެއަކަށް ކަމަށް ވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި އަންހެން މީހާ ވެއްޓިފައިވަނީ އެގެއިން ނިކުމެގެން ގޮސް އެހެން ގެއަކަށް ވަދެ އުޅުމުގެ ތެރޭގައި ކަމަށާއި، އެގެއަށް ވަނީ އަންހެން މީހާ އާއި އިތުރު ފިރިހެނަކު ކަމަށްވެސް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ އެގޭގެ ސީީސީޓީވީ ކެމެރާތަކުގެ ވީޑިއޯތަކުން އެނގޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އަންހެން މީހާ ވެއްޓުނު ގޭގެ އިމާރާތުގައި އެ އަންހެން މީހާއާއި އިތުރު ފިިރިހެނަކު އުޅުނު މަންޒަރު ފެންނަ ވީޑިއޯތައް ނޫސްވެރިންނަށް ދައްކައިފަ އެވެ.
އަންހެން މީހާ އާއި އެ ފިރިހެން މީހާ އެގެއަށް ވަދެފައިވަނީ މަސްތުގެ ހާލަތުގައި ތިބެކަން މިހާތަނަށް ފުލުހުންނަށް ގަބޫލު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ހިއްސާކޮށްފައިވާ ސީސީޓީވީ ކެމެެރާ ފުޓޭޗުން ފެންނަނީ އެގޭ 8 ވަނަ ފަންގިފިލަ އެވެ. ފުލުހުން އޮފިސަރު ވިދާޅުވީ އަންހެން މީހާ ވެއްޓިފައިވަނީ އެގޭގެ 9 ވަނަ ފަންގިފިލާއިން ކަމަށެވެ. އަދި އެ ފަންގިފިލާގައި ކެމެރާ ހަރުކޮށްފައި ނެތް ކަމަށެވެ.
ފުލުހުން ވަނީ އެ ގޭގެ 8 ވަނަ ފަންގިފިލާއަށް އެ ދެމީހުން އަރައި ފައިބާ މަންޒަރު ހިއްސާކޮށްފައެވެ. އަދި އަންހެން މީހާ ފުރާޅުމައްޗަށް ވެއްޓޭ އަޑުއިވޭއިރު އޭނާއާއެކު އުޅުނު ފިރިހެން މީހާ ހުންނަނީ 8 ވަނަ ފަންގިފިލާގައިކަން އެ ވީޑިއޯތަކުން އެނގެއެވެ. އެ ވީޑިއޯތަކުން ފެންނަ މަންޒަރުތަކާ ހަވާލާދީ ފުލުހުން ބުނީ އަންހެން މީހާ ވެއްޓުނުއިރު އިތުރު އެއްވެސް މީހަކު އެތަނުގައި ނެތް ކަމަށެވެ. އަދި އެ ގެއަކީވެސް އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއެއްކަމަށާއި އެގެއަށް ވަދެފައިވަނީ މަސްތުގެ ހާލަތުގައި ތިބެ ވަކި ގެއެއް ނޭނގި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ތަހްގީގަށް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ސިޔާސީ މަގާމެއްގައި ހުރި އެއްވެސް މީހަކާއި މި ހާދިސާއާ ގުޅުމެއް ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.