ENGLISH
09 މޭ 2025
އުފެއްދުންތެރިކަމުގެ މައުރަޒުގެ ކިއޮސްކުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
23 އޭޕްރީލު 2025
|
އަންނަ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު، 'މޯލްޑިވްސް އެކްސްޕޯ 2025' ގައި ވިޔަފާރިތަކަށް ހާއްސަކޮށްގެން ގާއިމްކުރާ، މާކެޓް ޕްލޭސް ނުވަތަ ވިޔާފާރީގެ ވާޒާރުގެ ކިއޮސްކުތަކަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ހުރިހާ ރަށަކަށް ހުޅުވާލައިގެން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 23 އިން މެއި 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ބީސީސީ އިން އެކްސްޕޯ ކުރިއަށްގެންދަނީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ.
ކިއޮސްކުތަކުގައި އަގަކީ ރެއަކަށް 1،111 ރުފިޔާއެވެ. ކިއޮސްކުތައް ހުޅުވާލަނީ ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އެގޮތުން ގޭގައި ތަކެތި އުފައްދާ ފަރާތްތަކަށް 20 ކިއޮސްކު ހުޅުވާލާފައިވާއިރު ބާކީ ޖާގަތައް ޖާގަތަށް ދޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.
ބީސީސީ އިން ބުނީ ކިއޮސްކުތައް ދޫކުރާނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކަށް އެކަނި ކަމަށެވެ.
ކިއޮސްކުތަކަށް އެދި ހުށަހަޅާ ފޯމް، މައުރަޒަށް ހާއްސަ ވެބްސައިޓް www.expo.mv އާއި މައުރަޒުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށްލިބޭނެކަމަށް ބީސީސީ އިން ބުނެފައިވެއެވެ. އަދި އިތުރު މަޢުލޫމާތު 7283886 ނަންބަރަށް ގުޅުމުން ލިބޭނެއެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ، މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 256 ފަރާތަކުން ރަޖިސްޓްރީކޮށްފައިވާއިރު، އޭގެތެރޭގައި 4415 ތަފާތު އުފެއްދުން ހިމެނޭ ކަމަށެވެ.
ބީސީސީ އިން ބުނިގޮތުގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް މައުރަޒަށެވެ. އެ މައުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އާއްމުކޮށް ބާއްވާ މައުރަޒުތަކާއި ތަފާތުކޮށް ކަމަށް ބީސީސީ އިން ވަނީ ބުނެފައެވެ. އެގޮތުން ފެންވަރު ރަނގަޅު އަދި ތަކެތި ވިއްކާ ފަރާތްތަކަށާއި، މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.