ENGLISH

05 މޭ 2025

Advertisement

ހަނިމާދޫ އެއާޕޯޓު ހުޅުވާއިރު އެ ސަރަހައްދުގައި އެނދު މަދުވުމުގެ ގޮންޖެހުން އެބައޮތް: ޓޫރިޒަމް މިނިސްޓަރު

23 އޭޕްރީލު 2025

|

އަހުމަދު ސައީދު

ހަނިމާދޫ އިންޓަނެޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް.

ހދ. ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މި އަހަރު ފަހުކޮޅު ހުޅުވާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އުތުރުގެ ތިން އަތޮޅުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ހުރި އެނދުގެ އަދަދު މަދުވުން ކަމަށް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޠާރިޤު ވިދާޅުވީ ރާއްޖޭގައި އެންމެ މަދުން ޓޫރިސްޓު ރިސޯޓްތައް ހުރި އަތޮޅު ތަކުގެ ތެރޭގައި ހއ. އަތޮޅާއި ހދ. އަތޮޅު ފާހަގަކުރެވޭކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ހއ. ގައި ދެ ރިސޯޓު ހިންގާއިރު ހދ. ގައި ހިންގަމުން އަންނަނީ އެންމެ ރިސޯޓަކާއި ޓޫރިސްޓު ހޮޓަލެކެވެ.

"އެތަނުގައި އޮތް ގޮންޖެހުމަކީ ހއ. ހދ. ށ. މި ތިން އަތޮޅުގައި ފްލައިޓް އޮޕަރޭޓްކުރާ ވަރަށް އަދިއެއް ނެތް ރިސޯޓްތަކެއް. އެހެންވީމަ މިހާރު ވެސް އެހިސާބުތަކުގެ ރިސޯޓުތަކަށް ގިނައިން މީހުންދަނީ މާލެ އައިސް ސީޕްލޭންގައި ނޫނީ ޑޮމެސްޓިކްގައި،" ޠާރިޤު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ހއ. ހދ. އަދި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. ރިސޯޓް ތަރައްގީ ކުރާ ފަރާތްތަކުން ޝައުގުވެރިވާނެ ލުއިތަކާއެކު އެ ސަރަހައްދު ތަކުގައި އިތުރު ރިސޯޓްތައް ތަރައްގީ ކުރުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ މީގެ 17 އަހަރު ކުރިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކުރި ހދ. ނާގޯށީގައި ރިސޯޓު ތަރައްގީކުރުމުގެ  ހުއްދަ މިހާރު ދޫކޮށްފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެމްޓީޑީސީން އެރަށް ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވެސް މަސައްކަތްކުރަމުން އަންނަކަމަށެވެ. ނާގޯށީގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިން ކުރިނަމަވެސް، އެއިރު އިމާރާތްކުރި ބިނާތައް މިހާރު ހުރީ ވީރާނާވެފައެވެ. 

ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރަނީ، 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު