ENGLISH

09 މޭ 2025

Advertisement

އައްޑޫގައި ޓޫރިޒަމް ކާމިޔާބުކުރުމަށް އެންމެ މުހިއްމީ އެނދު އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

23 އޭޕްރީލު 2025

|

އަހުމަދު ސައީދު

ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ-- ފޮޓޯ/ތޯމަސްކުކް

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމަކީ އައްޑޫ އަތޮޅުގެ ޓޫރިޒަމަށް ވަރަށް ބޭނުންވެފައިވާ ކަމެއްކަމަށާއި، އެ އަތޮޅުގައި ޓޫރިޒަމް ކާމިޔާބު ކުރުމަށް އެންމެ މުހިއްމީ އެނދު އިތުރުކުރުން ކަމަށް ޓޫރިޒަމް މިންޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޠާރިޤު ވިދާޅުވީ 500 އެނދުގެ ރިސޯޓް އަލުން ހުޅުވުމާ ގުޅޭގޮތުން އެ ރިސޯޓުގެ މެނޭޖުމަންޓާ މަޝްރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިދިޔަ މަހު އެ ރިސޯޓަށް ވަޑައިގެން ހާލަތު ވެސް ބައްލަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެބޭފުޅުންގެ އެންމެ މުހިންމު އެއް ނުކުތާއަކަށްވީ ކަނެކްޓިވިޓީ. އައްޑޫ އަށް ދާން އުނދަގޫވާހަކަ ދެއްކެވީ. އެ ބޭފުޅުން ވިދާޅުވީ ޝަންގްރިލާ އަށް ދާ ޓޫރިސްޓުން މާލޭގައި އެބަ ތިބެން ޖެހެއޭ ވަރަށް ގިނައިރު. ކަނެކްޓިވިޓީ ކިހިނެއްހޭ ރަނގަޅުކުރާނީ؟" ޠާރިޤު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ބޭރުގެ އެއާލައިންތަކުން އައްޑޫއަށް ސީދާ ދަތުރުތަކެއް ދާއިމީކޮށް ކުރިއަށް ގެންދިމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެނދުގެ އަދަދު މަދުވުން ކަމަށެވެ. އޭނާ ވިދާޅުވީ ގަން އިންޓަނެޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތަކެއް ކުރުމަށްޓަކައި 3،000 އެނދު އެ ސަރަހައްދަށް ބޭނުންވާ ކަމަށެވެ. 

"އައްޑޫއަށް ބޮޑު ފްލައިޓެއް ރެގިއުލާކޮށް އޮޕަރޭޓްކުރާވަރަށް އެނދެއް އަދިއެއް ނެތް. އެހެންނަމަވެސް އެނދުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ވެސް ކުރަމުން އެބަދޭ. ރަނގަޅު ބެޑް ކެޕޭސިޓީއެއް ލިބިއްޖެކަމަށް ވެއްޖެއްޔާ އައްޑޫ ފީސިބަލް ވެގެންދާނެ،" ޠާރިޤު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫގައި މިހާރު ވެސް ހެތެރެ ރިސޯޓާއި އިކުއެޓާ ވިލެޖް ހިންގަމުން އެބަގެންދާ ކަމަށެވެ. އަދި އިސްމެހެރަ ވެސް ވަރަށް އަވަހަށް އަލުން ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝަންގްރިލާ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމުގެ ޝަބަބަބުން މަރާމާތުތަކެއް ވެސް ކުރަން އެބަހުރި ކަމަށެވެ. އެ ރިސޯޓުގެ ކޯޓަރިތަކުގެ އެތެރޭގެ ހާލަތާއި، ސްވިމިން ޕޫލާއި ބަދިގެ އާއި ފެނާއި ކަރަންޓުފަދަ ހިދުމަތްތައް ހުރީ ރަނގަޅަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެ ރިސޯޓުގައި ބޮޑަށް މަރާމާތު ކުރަން ޖެހިފައިހުރީ ހާމައަށް ހުރި ރެސްޓޯރަންޓް ފަދަ ތަންތަނެވެ.

ޝަންގްރިލާ ނުހުޅުވި ދިގުލައިގެން ދިޔަ މައްސަލައާ ގުޅިގެން ފެބްރުއަރީ 2023 ވަނަ އަހަރު ސަރުކާރުން ވަނީ ޝަންގްރިލާގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު