ENGLISH
09 މޭ 2025
މި އަހަރު މުޅިން އަލަށް 1،290 އެނދު ބާޒާރަށް ނެރެވޭނެ: މިނިސްޓަރ ތާރިގު
23 އޭޕްރީލު 2025
|
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް
މިއަހަރު މުޅިން އަލަށް ފަތުރުވެރިކަމުގެ ދާއިރާއަށް 1،290 އެނދު ނެރެވޭނެކަމަށް ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޠާރިޤު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި އޮޕަރޭޓުކުރަމުންދާ ރިސޯޓުތަކުގެ ތެރެއިން 65 ރިސޯޓަކީ ދިވެހި ބްރޭންޑުތަކުން ހިންގަމުންދާ ރިސޯޓުތައް ކަމަށެވެ. އަދި 110 ރިސޯޓެއް އޮޕަރޭޓުކުރަނީ ބޭރުގެ ފަރާތްތަކުން ކަމަށްވެސް ޠާރިޤު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް 156 ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. ނަމަވެސް އޭގެ ތެރެއިން 61 ތަނެއްގެ މަސައްކަތް މަޑުޖެހިފައި ހުރިކަން ފާހަގަކުރައްވަމުން ޠާރިޤު ވިދާޅުވީ އެތަންތަނުގެ މަސައްކަތް އަލުން ފަށައިގަނެ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަަށެވެ.
ފަތުރުވެރިކަމުގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކްލޯޒް ބިޑިންގެ ތެރެއިން 10 ތަނެއް އިންވެސްޓަރުންނާ ހަވާލުކުރެވިފައިވާއިރު ކްރޮސް ސަބްސިޑީގެ އުސޫލުގެ ތެރެއިން ތިން ތަނެއް އަދި އޯޕަން ބިޑިންގެ އުސޫލުން ތިން ތަނެއް ހަވާލުކުރެވިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް ފަތުރުވެރިކަމުގެ މަންފާ އިތުރުކުރުމަށް މި ސަރުކާރުން ގެންދަވަނީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ވިލުންތެރިކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.