ENGLISH

07 ޖުލައި 2025

Advertisement

ޝަމްއާން ފްރޭމް ނުކުރާނެކަން ކަށަވަރު: ވަޒީރު

23 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

ނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުވާ މައްސަލާގައި މަގާމުން ވަކިކުރި ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ބަންދުކުރީ އޭނާ ފްރޭމްކޮށްގެން ކަމަށް ކުރަމުންދާ ތުހުމަތުތަކަކީ ދޮގު ވާހަކަތަކެއްކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ދުވަސްތަކަކަށްފަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މިނިސްޓަރ އަލީ އިހުސާން ވަނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. އެގޮތުން ގިނަ މެމްބަރުން ވަނީ، ޝަމްއާންގެ މައްސަލައާ ގުޅޭ ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޝަމްއާން މި މައްސަލައިގައި ހައްޔަރުކޮށް އޭނާގެ މައްސަލައެއް ބަލަމުންދަނީ ސަރުކާރުން އޭނާ "ފްރޭމްކޮށްގެން" ނެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވަމުން މިނިސްޓަރު ވިދާޅުވީ ގާނޫނު ތަންފީޒުކުރުމުގައި މި ސަރުކާރުންނ އެއީ "ވެރިއެއްތޯ، ގެރިއެއްތޯ" ނުބަލާނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނާ ޚިލާފު ކަމެއްކޯށްފައިވާނަމަ، ގާނޫނު އެމީހަކާއި އަރާ ހަމަކުރާނެ ކަމަށް ވިދާޅުވި އެވެ.

"އެމީހަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެންނެއް ނުބަލާނަން. އެމީހަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެންނެއް ނުބަލަން. " ވަޒީރު ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ ޖިނާއީ ތުހުމަތެއް ކުރެވޭ ކޮންމެ ހާލަތެއްގައި ފުލުހުންވެސް، އެ މައްސަލައެއް ބަލާއިރު އެ ޚިދުމަތަށް ގާނޫނީ ގޮތުން ލިބިދޭ ހުރިހާ ބާރެއްގެ ބޭނުން ކުރާނެ ކަމަށެވެ. މައްސަލަތައް ބެލުމުގައި ވަކި މީހަކު އިސްތިސްނާ ނުކުރައްވާނެ ކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ، މި ސަރުކާރުން އެއްވެސް މީހަކު ފްރޭމްނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

" މިހާރު ބަލަމުންމިދާ މައްސަލައިގައި އެ އާއިލާއަށް ކަށަވަރުކޮށް އަރުވަން، އަޅުގަނޑުމެން އެއްވެސް ފަރާތެއް  ފްރޭމެއް ނުކުރާނެ. ގާނޫނުގެ ތެރެއިން  ލިބޭ ހުރިހާ ރައްކާތެރިކަމެއް ވެސް އެފަރާތަށް ލިބޭނެ. ހަމައެއާއެކު ގާނޫނު އެމީހަކާ އަރާހަމަކުރަންޖެހޭ ދިމާލަކުން އަރާ ހަމަކުރާނެ." އިހުސާން ވިދާޅުވި އެވެ.

ޝަމްއާންގެ މަައްސަލައިގައި ފުލުހުން މީގެކުރިން ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ހައްޔަރުކުރުމުގެ ޒިންމާ އާއްމުކޮށް ކުރަމުންދާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ނަގުދު ފައިސާއާއެކު ގެންދިޔަ ކަމަށެވެ. އޭގެ އެއް ދުވަސް ފަހުން ޝަމްއާންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން ޝަމްއާން، ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އެ ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާއިރު އެ ފައިސާއަކީ ބިދޭސީން އަތުން ހޯދާފައިވާ ފައިސާ ކަަމަށް ތުހުމަތު ކުރެވެއެވެ. 

އޭނާ ވަނީ ޝަރީއަތް ނިމެންެދެން ބަންދުކޮށްފަ އެވެ. އެހެންވެ އެ އަމުރު އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު