ENGLISH

11 މޭ 2025

Advertisement

މިއަހަރު ދެހާހަަށް ވުރެ ގިނަ މަޝްރޫއު ހިނގާނެ: ޝިޔާމް

23 އޭޕްރީލު 2025

|

މުރުޝިދު އަބްދުލް ޙަކީމް

މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެ ހާހަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްޤީ، އެ ރައްޔިތުން ބޭނުންވާ ތަރުތީބުން ކުރިއަށް ގެންދެވޭނެ މަގު ފަހި ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ހުރިހާ މަޢުލޫމާތުތަކެއް ސަރުކާރުން ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިއީ މީގެ ކުރިން ފެނުނު މަންޒަރެއް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް މިއަދު އެނގިވަޑައިގަންނަވާނެ އެބޭފުޅުންގެ ދާއިރާތަކަށް ހުރި ޕްރޮޖެކްޓްތައް އެ ޕްރޮޖެކްޓްތަކުގެ ވެލިއުތައް އެ ޕްރޮޖެކްޓްތައް ފައްޓަވާނެ ދުވަސްތައް އެ ޕްރޮޖެކްތްތައް ނިންމަވާނެ ދުވަސްތައް، އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭގެ މާނައަކީ އެ ރައްޔިތުންނަށް ވެސް އެނގިވަޑައިގަންނަވާނެއޭ" މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް ވަނީ، ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއެކު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ވަރކިންގ ސެޝަންގައި ކުރެވުނު ބައެއް މަޝްވަރާތަކުގެ ތަފްސީލު ވެސް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވި މާލީ ގޮންޖެހުންތަކުން މިވަގުތު އަރައިގަނެވެމުންދާތީ މަޝްރޫއުތަކުގެ ސްޕީޑު ހަލުއިކުރާނެގޮތްތަކާއި، ރަށްރަށުގައި ކުރިއަށްގެންދާ ވަކި ވަކި މަޝްރޫޢުތައް ނިންމާނެ މުއްދަތު ދެނެގަނެ މަޝްރޫޢުތައް ތަރުތީބުކުރެއްވިކަމަށެވެ.

” އަޅުގަނޑުމެންނަށް މިއެނގިގެންދިޔައީ މިއަހަރަކީ، 2025ވަނަ އަހަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިންގާނެ އަހަރުކަން އަޅުގަނޑުމެންނަށް މިއަދުވެސް ބުނެދިން. އެއްފަހަރާ 2000އަށްވުރެ ގިނަ ޕްރޮޖެކްޓް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު ފެށިގެންދާނެކަން މިއަދުވެސް އަޅުގަނޑުމެންނަށް އެނގިގެންދިޔައީ" މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އިދިކޮޅު ފަރާތްތަކުން ސިޔާސީގޮތުން ސަރުކާރަށް ކިޔަމުންދިޔަ ފާޑުކިއުންތައް މިހާރު ހުއްޓާލާފައިވާކަން ފާހަގަ ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އެ ވާހަކަތައް މިއަދު ނުދައްކަނީ އެއީ އެފަރާތްތަކުން ކުރިން ނުވާނެ ކަމަށް ބުނަމުންދިޔަ ކަންކަން މި ސަރުކާރުން ކުރަމުންދާތީ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމު ދަރަނިވެރިކުރުމަށްފަހު ވެރިކަން ނިންމުމުންވެސް އަދުގެ ސަރުކާރަށް މުހިއްމު ގިނަ ކަންތައްތަކެއް ނުކުރެއްވޭނެކަމަށް އެމްޑީޕީން ބުނަމުންދިޔަނަމަވެސް މިހާތަނަށް އައިރު، މުވައްޒަފުންގެ މުސާރައާއި، ރައްޔިތުންގެ ތަރައްޤީއަށް ކުރަންޖެހޭ އެކިއެކި ކަންކަން ސަރުކާރުން ކުރަމުންމިދަނީ އެއްމެ ރުފިޔާ ފޮއްޗެއްވެސް ޗާޕުނުކޮށްކަމަށެވެ. އަދި ރާއްޖެ ބަނގުރޫޓުވެދާނެކަމަށާއި މާލީ ބޮޑު ލޮޅުންތަކެއް އަންނާކަމަށް އެކި ފަރާތްތަކުން ބުންމުންދިޔަ ނަމަވެސް އެހާލަތައް ނުގޮސް ސަލާމަތުގެ އައްސޭރިއަކަށް ރާއްޖެއަށް އާދެވިފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި މާލީ އަދި އިޤްތިޞާދީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން މިނިސްޓަރ ޝިޔާމް ވަނީ ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު