ENGLISH

10 މޭ 2025

Advertisement

ފުރާޅުމައްޗަށް އަންހެން މީހާ ވެއްޓުނުއިރު އޭނައާއެކު އިތުރު މީހަކު ނެތް: ފުލުހުން

23 އޭޕްރީލު 2025

|

މުރުޝިދު އަބްދުލް ޙަކީމް

މި މަހުގެ 17 ވަނަ ދުވަހު ހެންވޭރުގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާ ހިނގި ވަގުތު އޭނައާއެކު އިތުރު މީހަކު އެވަގުތު ނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަންހެން މީހާ ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގެ ތަހުގީގަށް، 17 ވަނަ ދުވަހުގެ ރޭ އެ އަންހެން މީހާގެ ހަރަކާތްތައް ހުރިގޮތް ފުލުހުން ބަލަފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ވިދާޅުވީ އަންހެން މީހާއާ އިތުރު ބަޔަކު އެރޭގެ ދަންވަރު ފުރަތަމަ ގޮސްފައިވަނީ މާލޭ މެދުގައި ހުރި އެހެން ގެއަކަށް ކަމަށެވެ. އަދި އެގެއަށް އެ އަންހެން މީހާއާއެކު އިތުރު 7 މީހުން ދިޔަކަން ފުލުހުން ހޯދާފައިވާ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަމަށް ފުލުހުން ވިދާޅުވި އެވެ. އެގެއަށް ވަން ޖުމްލަ 8 މީހުންގެ ތެރެއިން ފުރާޅުމައްޗަށް ވެއްޓުނު އަންހެންމީހާ އާއެކު އިތުރު ތިން މީހަކު އިރުކޮޅެއް ފަހުން ދިޔައީ އަމީނީ މަގުގައި ހުރި ގެއަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަންހެން މީހާ ވެއްޓިފައިވަނީ އެގެއިން ނިކުމެގެން ގޮސް އެހެން ގެއަކަށް ވަދެ އުޅުމުގެ ތެރޭގައި ކަމަށާއި، އެގެއަށް ވަނީ އަންހެން މީހާ އާއި އިތުރު ފިރިހެނަކު ކަމަށްވެސް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ އެގޭގެ ސީީސީޓީވީ ކެމެރާތަކުގެ ވީޑިއޯތަކުން އެނގޭކަމަށް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ވަނީ އަންހެން މީހާ ވެއްޓުނު ގޭގެ އިމާރާތުގައި އެ އަންހެން މީހާއާއި އިތުރު ފިިރިހެނަކު އުޅުނު މަންޒަރު ފެންނަ ވީޑިއޯތައް ނޫސްވެރިންނަށް ދައްކާފަ އެވެ.

އަންހެން މީހާ އާއި އެ ފިރިހެން މީހާ އެގެއަށް ވަދެފައިވަނީ މަސްތުގެ ހާލަތުގައި ތިބެކަން މިހާތަނަށް ފުލުހުންނަށް ގަބޫލު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. ފުލުހުން ހިއްސާކޮށްފައިވާ ސީސީޓީވީ ކެމެެރާ ފުޓޭޗުން ފެންނަނީ އެގޭ 8 ވަނަ ފަންގިފިލާ އެވެ. ފުލުހުން އޮފިސަރު ވިދާޅުވީ އަންހެން މީހާ ވެއްޓިފައިވަނީ އެގޭގެ 9 ވަނަ ފަންގިފިލާއިން ކަމަށެވެ. އަދި އެ ފަންގިފިލާގައި ކެމެރާ ހަރުކޮށްފައި ނެތް ކަމަށެވެ.

ފުލުހުން ވަނީ އެ ގޭގެ 8 ވަނަ ފަންގިފިލާއަށް އެ ދެމީހުން އަރައި ފައިބާ މަންޒަރު ހިއްސާކޮށްފައެވެ. އަދި އަންހެން މީހާ ފުރާޅުމައްޗަށް ވެއްޓޭ އަޑުއިވޭއިރު އޭނާއާއެކު އުޅުނު ފިރިހެން މީހާ ހުންނަނީ 8 ވަނަ ފަންގިފިލާގައިކަން އެ ވީޑިއޯތަކުން އެނގެއެވެ. އެ ވީޑިއޯތަކުން ފެންނަ މަންޒަރުތަކާ ހަވާލާދީ ފުލުހުން ވިދާޅުވީ އަންހެން މީހާ ވެއްޓުނުއިރު އިތުރު އެއްވެސް މީހަކު އެތަނުގައި ނެތް ކަމަށެވެ. އަދި އެގެއަކީވެސް އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއެއްކަމަށާއި އެގެއަށް ވަދެފައިވަނީ މަސްތުގެ ހާލަތުގައި ތިބެ ވަކި ގެއެއް ނޭނގި ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ތަހްގީގަށް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ސިޔާސީ މަގާމެއްގައި ހުރި އެއްވެސް މީހަކާއި މި ހާދިސާއާ ގުޅުމެއް ނެތް ކަމަށްވެސް ފުލުހުން ވިދާޅުވި އެެވެ.

ކިޔުންތެރިންގެ ހިޔާލު