ENGLISH

22 އޭޕްރީލު 2025

Advertisement

57 ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލައިފި

22 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ހދ. ނޮޅިވަރަމްފަރުގައި އަޅާފައިވާ ހައުސިން ޔުނިޓްތަކެއް -- ފޮޓޯ: ޒުވާން މަސްވެރިޔާ

ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނު ކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކޮށްފައިވާ އިޢުލާނު ގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެދޭ ގޮތެއްގެ މަތިން، 57 ރަށެއްގައި ހައުސިން ޔުނިޓްތައް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ ރަށްރަށުގައި 10,000 އެއްހާ ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ.

އެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުޞަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވެ އެވެ.

މި ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ހައުސިން ޔުނިޓް އަޅަނީ ކުޅުދުއްފުށި ސިޓީ ގައެވެ. އެއީ 2،000 ހައުސިން ޔުނިޓެވެ. ކ.ތުލުސްދޫގައި 550 ހައުސިން ޔުނިޓް އަދި ސ.ހިތަދޫ އާއި ފުވައްމުލައް ސިޓީ އާއި ގދ.ތިނަދޫ އާއި ލ.ފޮނަދޫ އާއި ލ.ގަމާއި ދ.ކުޑަހުވަދޫ އާއި ރ.އުނގޫފާރާއި ހދ.ހަނިމާދޫ ގައި 500 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ޅ.ނައިފަރު ގައި 400 ޔުނިޓް އެޅުމަށް ނިންމާފައިވާއިރު މ. މުލީގައި 300 ޔުނިޓް އަދި ހދ.ނޮޅިވަރަމްފަރު ގައި 250 އަދި ގއ ވިލިނގިލީގައި 225 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ.

ސ.ފޭދޫ އާއި ގދ.މަޑަވެއްޔާއި ދ.މީދޫ އާއި ފ. ނިލަންދޫ އާއި ރ.ދުވާފަރާއި ށ.މިލަންދޫ އާއި ހއ.ހޯރަފުއްޓާއި ހއ.ދިއްދޫ ގައި ކޮންމެ ރަށެއްގައި 200 ހައުސިން ޔުނިޓް އަދި  މަހިބަދޫ އާއި ށ.ފޯކައިދޫ ގައި 150 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ.

ލިސްޓްގައި ދެން ހިމެނޭ ރަށްރަށުގައި 50 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު