ENGLISH
22 އޭޕްރީލު 2025
މަސްޖިދުއްނަބަވީގެ އިމާމު ޕްރީ ސްކޫލް ދަރިވަރުންނާއެކު އުފާވެރި ވަގުތުކޮޅެއް!
22 އޭޕްރީލު 2025
|
މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، އިސްލާމީ މަރުކަޒުގައި ތުއްތު ކުދިންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި މިއަދު ހެނދުނު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ވެގެންގޮސްފައިވަނީ ދަރިވަރުންނަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ގެނުވައިދިން ބައްދަލު ކުރެއްވުމަކަށެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޞަލާޙުލް ބުދައިރު ވަނީ ދަރިވަރުންނާއި ބައްދަލު ވުމަކީ ވަރަށް އުފާކުރައްވާ ކަމަށާއި، ދަރިވަރުންނަށް ފާޤަތި މުސްތަޤުބަލަކަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން ވަނީ ޤުރުއާން ކިޔެވުމުގެ ހުނަރު ދައްކާލާފަ އެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލު ކުރައްވާފައެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ވަޑައިގަންނަވާ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ވުޒާރާގެ އިސްވެރިންނާއި ފަތުވާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވެއެވެ.