ENGLISH

22 އޭޕްރީލު 2025

Advertisement

ހުޅުމާލެ ކޯޓުން އިއްވި ތާރީޚީ ޙުކުމް: ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށައަޅަން ފުރުސަތު ދީފި

22 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

ރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުޞަތު ދީފި އެވެ.

ކުޑަކުއްޖެއްގެ ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް (10 އަހަރު ދުވަސް ވަންދެން) އެކި ފަހަރު މަތިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާ ލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ. 

މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ ޕީޖީ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލައިގެ ޙާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފަ އެވެ. މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްމާސް މުބާރިކެވެ.

ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، ޕީޖީ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުން ކަމަށް ބުނެފައިވެ އެވެ. ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުޞޫލެކެވެ.

މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެކުއްޖާގެ ބަސް އިއްވުމުގެ ފުރުޞަތު ލިބިދިނުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުޞަތު ދީފައިވާތީ ޕީޖީ އޮފީހުން  ވަނީ އެކަމަށް މަރުޙަބާ ކިޔާފަ އެވެ. މި އޮފީހުން މި ގެންދަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާރޑް ނިޒާމަކަށް މިސްރާބު ޖަހަމުންނެވެ.

މި މައްސަލަ އަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހައްސާސް މައްސަލައަކަށް ވެފައި، އަނިޔާލިބުނު ކުއްޖާގެ މަޢުލޫމާތު ޙިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ކުށްކުރި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު