ENGLISH

22 އޭޕްރީލު 2025

Advertisement

މަސްޖިދުއް ނަބަވީގެ އިމާމު، ވަޒީރާއި ބައްދަލުކުރައްވައިފި

22 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

މަސްޖިދުއް ނަބަވީގެ އިމާމު ވަޒީރާއި ބައްދަލުކުރެއްވުން (ފޮޓޯ/ އިސްލާމިކް މިނިސްޓްރީ)

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި މިހާރު ވަޑައިގެން އުޅުއްވާ  އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާާއި ބައްދަލު ކުރައްވައިފިއެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހްސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ. 

އެ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގެ ހަވާސާގައި އިމާމު ވަނީ  އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން  އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަނީ، އެމަނިކުފާނަށް މަރުހަބާ ދަންނަވާ ވުޒާރާގެ ދައުވަތު ގަބޫލުފުޅު ކުރައްވާ ރާއްޖެ ވަޑައިގެންދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

މީގެއިތުރުން،  އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ސައުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ، ދައުވާ އެންޑް ގައިޑަންސް އަދި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވަނީ  މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އަރިހަށް  އިހުތިރާމުގެ ޒިޔާރާތެއް ވެސް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު