ENGLISH
22 އޭޕްރީލު 2025
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވި މީހަކު 54 އަހަރަށް ޖަލަށް
22 އޭޕްރީލު 2025
|
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަ އަންހެން ކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާ ކުރިކަން ސާބިތުވި މީހަކު 54 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު" ގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، މި ކުށުގެ އަދަބަކީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން އެފަދަ މަގާމެއްގައި ހުރެގެން ކުއްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވިކަން ސާބިތުވެއްޖެ ނަމަ 15 އަހަރާއި 18 އަހަރާއި ދެމެދުގެ އިތުރު ހުކުމެއް އަންނާނެއެވެ. އަދި ކުޑަކުއްޖަކު ޖިންސީ އަމަލެއްގައި ބައިވެރި ކުރުވައިފިނަމަ މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން 10 އަހަރާއި 14 އަހަރާއި ދެމެދުގެ ޖަލުޙުކުމެއް އަންނާނެއެވެ.
މި އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ކުށް ސާބިތުވެގެން ހުކުމްކޮށްފައި ވަނީ 3 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހިން ހައްޔަރުކުރި މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް 54 އަހަރުގެ ހުކުމެއް ކޮށްފައިވީނަމަވެސް، 3 އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ އޭނާ އިތުރަށް ތަންފީޒުކުރަން ޖެހޭނީ 51 އަހަރުގެ ޖަލު ހުކުމެކެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގު ނިންމާ، ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 18 އޮކްޓޫބަރު 2022 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުނެއެވެ.