ENGLISH
09 މޭ 2025
މުޤައްދަސް ދެ މިސްކިތުގެ އިމާމުން ރާއްޖެ ވަޑައިގަންނަވާ ޕްރޮގްރާމެއް ފަށައިފި
22 އޭޕްރީލު 2025
|
ފަޟީލަތުއްޝައިޚް ޑރ.ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގަތުން-- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
މުޤައްދަސް ދެ މިސްކިތުގެ އިމާމުން ރާއްޖެ ވަޑައިގަންނަވާ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ސަޢުދީގެ އެއްބާރުލުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ކުރެއްވުމަށް ރާވާފައިވާ ކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން މިހާރު ތަންފީޒް ކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަޠީބް، ފަޟީލަތުއްޝައިޚް ޑރ.ޞަލާޙުލްބުދައިރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން އިސްލާމިކް މިނިސްޓަރާއިވެސް ބައްދަލު ކުރައްވާފައެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ކީރިތި ޤުރްއާނާބެހޭ މަރުކަޒާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރާ ޒުވާނުންނާއި، ޒުވާން އިމާމުން އަދި ޚަޠީބުންގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި އެމަނިކުފާނު ވަނީ މިއަދުގެ ވަގުތެއްގައި ޕްރީސްކޫލް ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން 23 އޭޕްރިލް ވާ ބުދަ ދުވަހު މަސްޖިދު މަލިކި ސަލްމާންގައި އެމަނިކުފާނު މަޣްރިބް ނަމާދާއި ޢިޝާ ނަމާދު އިމާމްވެކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 24 އޭޕްރިލް ވާ ބުރާސްފަތި ދުވަހު، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި އިމާމްގެ ޢިޝާ ނަމާދު ކުރެއްވުމަށްފަހު ދަރުހެއް ދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މި ހަފުތާގެ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ޚުޠުބާ ވިދާޅުވެ، އިމާމްވެ ހުކުރު ނަމާދު ކުރެއްވުމަށްވެސް ހަމަޖެހިފައިވަނީ ޑރ.ޞަލާޙުލްބުދައިރު އެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ބައެކެވެ. ދިވެހި މުޖުތަމައަކީ އިސްލާމް ދީނަށް ލޯބިކުރާ ދީނީ ކަންތައްތަކަށް އަހަންމިއްޔަތުކަންދޭ މުޖުތަމަޢަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ސަރުކާރުން ދަނީ ގިނަ ކަންތައްތަކެއް ކުރައްވަމުންނެވެ.