ENGLISH

22 އޭޕްރީލު 2025

Advertisement

"ހަށިހެޔޮކަމުގެ ކުލަ" ނަމުގައި އައު ޝަރަފުގެ ނިޝާނެއް ތަޢާރަފު ކޮށްފި

22 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

"ހަށިހެޔޮކަމުގެ ކުލަ" މިނަމުގައި އައު ޝަރަފުގެ ނިޝާނެއް ތަޢާރަފު ކުރުން -- ފޮޓޯ: ރައީސް އޮފީސް

"ހަށިހެޔޮކަމުގެ ކުލަ" މިނަމުގައި އައު ޝަރަފުގެ ނިޝާނެއް ތަޢާރަފު ކޮށްފި އެވެ.

މި ކުލަ ތަޢާރަފު ކޮށްފައި ވަނީ 133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ގަ އެވެ.

މި ޝަރަފުގެ ނިޝާނަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނެކެވެ. މިއީ ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފެހެއްޓުމަށް ހިތްވަރު ދިނުމަށާއި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފަހައްޓާ ސިފައިންގެ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ.

އަަލަށް ތަޢާރަފު ކުރި ހަށިހެޔޮކަމުގެ ކުލަ ޝަރަފުގެ ނިޝާން އިފުތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ރައީސްގެ މެޑަލް 49 ސިފައިންނަށް

މި ޖަލްސާ ގައި، ސިފައިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހައްގުވާ 49 ފަރާތަކަށް ވަނީ މެޑެލި ހަވާލުކޮށްދެއްވާފަ އެވެ.

އަދި ފާއިތުވި އަހަރު ސިފައިންގެ ތެރެއިން އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންގެ މީހާއާއި އެންމެ ފިޓް ޔުނިޓް އިޢުލާނުކޮށް އެ ފަރާތްތަކަށް ވަނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ ކްއާޓަރ މާސްޓަރ ސަރވިސް ގެ ކޯޕްރަލް ޢައިޝަތު ނާޒްނީން އެވެ.

އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ މެރިން ޑިޕްލޯއިމެންޓް ޔުނިޓް 3 ގެ ސްޓާފް ސާޖަންޓް ޙުސެއިން ފަޟީލް ހާރޫން އެވެ. އެންމެ ފިޓެސްޓް ޔުނިޓަކީ ސްޕެޝަލް ފޯސަސް އެވެ.

މީގެއިތުރުން ޕާކިސްތާނުގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތެއް ކަމުގައިވާ ޕެޓްސް (ޕާކިސްތާން އާމީ ޓީމް ސްޕްރިޓް) މުބާރާތުގައި، ސްޕެޝަލް ފޯސަސްގެ ޓީމެއް ވާދަކޮށް ރިހި މެޑެލި ހާސިލުކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެގޮތުން ވަނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު