ENGLISH

22 އޭޕްރީލު 2025

Advertisement

ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް ކުރާ މަސައްކަތަށް ލަދުގަންނަ މީހުންނަކީ ޤައުމީ ލޯތްބެއް ނެތް މަވެތި ކަމުގައި އިންތިޙާއަށް ގޮސްފައިވާ ބައެއް: ރައީސް

21 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް ކުރާ މަސައްކަތަކީ ފަޚުރުވެރި މަސައްކަތެއް ކަމަށާ އެކަމާ ލަދުގަންނަ މީހުންނަކީ ޤައުމީ ލޯތްބެއް ނެތް މަވެތި ކަމުގައި އިންތިޙާއަށް ގޮސްފައިވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރަކީ އަސްކަރީ ގޮތުންނާއި އިޤްތިސާދީ ގޮތުން ބާރުވެރި ޤައުމަކަށް ހެއްދެވުން ކަމަށެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އަސްކަރީ ގޮތުން ރާއްޖެ އޮތީ ނިކަމެތި ހާލަތެއްގައި ކަމަށާ ކޯސްޓްގާޑުގެ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިއުގެ ހާލަތު ވެސް އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ދަރަޖައެއްގައި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދާހަމައަށް އައިރު ޤައުމީ ދިފާޢީ ބާރުގެ ޙާލަތު އެގޮތަށް އޮތީ ކީއްވެގެންތޯ ކޮންމެ ދިވެހި ރައްޔިތަކު ސުވާލު ކުރަން ޖެހޭ ކަމަށެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަސައްވުރަކީ ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރު ދެގުނަ ކުރެއްވުން ކަމަށެވެ. އަދި އެ މަސައްކަތް ބާރު ސްޕީޑްގައި ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ. އެއްގަމާއި ކަނޑުގެ ބާރު ވަރުގަދަ ކުރެއްވުމަށް މިހާރުވެސް އެތައް މަސައްކަތެއް ކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި ވަސީލަތްތަކާއި ބާރު ވަރުގަދަ ކުރުމަކީ ފަޚުރުވެރިވާން ޖެހޭ މަސައްކަތެއް ކަމަށާ އެކަމާއި ދިވެހި ކޮންމެ ރައްޔިތަކު ފަޚުރުވެރިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަކޮށް ބަޔަކު ވާހަކަ ދައްކަމުންދާތީ ރައީސް ވަނީ އެކަމަށް ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.

"ޤައުމީ ގޮތުން ޤައުމީ ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތަކީ ޤައުމުގެ ހިޔާމަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަން ކަމަށްޓަކާ, އެ މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކާ ކުރަން ޖެހޭ ކަމެއް. ފަޚުރުވެރިކަމާ އެކު ކުރަން ޖެހޭ ކަމެއް. ލަދުގަންނަން ޖެހޭ ކަމެއް ނޫން. އެކަމަށް މަލާމަތް ކުރާ މީހުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި ޤައުމިއްޔަތު ކަމެއް ނެތް ޤައުމީ ލޯތްބެއް ނެތް މަވެތި ކަމުގެ އިންތިޙާއަށް ގޮސްފައިވާ ސިޔާސީ ގޮތުން ގޮސް ޤައުމު ކޮންމެ ފަދަ ގޮތަކަށް ދިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ވިސްނުމުން ދިވެހި ޤައުމު ސަލާމަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޤައުމީ ވާޖިބެއް ކަމަށެވެ.  ރައީސް ވަނީ އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސިފައިންގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.

އަދި ސިފައިންގެ ޤައުމީ ޚިދުމަތަށް އެމަނިކުފާނު އަބަދުވެސް ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ދަތިވެއްްޖެ ކޮންމެ ކަމެއްގައި ސިފައިން އިސްވެ ކުރައްވާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު