ENGLISH
21 އޭޕްރީލު 2025
ޢާންމުންނަށް ބޮޑު ފަސޭހައެއް: ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށައަޅަން ލުއިތަކެއް ދީފި
21 އޭޕްރީލު 2025
|
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްޠަލިބު -- ފައިލް ފޮޓޯ
ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ޢާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއި ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްޠަލިބު މިރޭ ވިދާޅުވީ ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީ ކަމަށެވެ.
އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާތީ އެ ސްކީމަށް އެދި ހުށައަޅަން ކުރިމަތިވެފައިވާ ދައްޗާއި ގުޅިގެން ލުއި ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވޭނެ ކަމަށެވެ.
"ހިޔާވަހި ފައިނޭންސިން" ސްކީމް ތައާރަފު ކުރީ ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަ ކޮށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އެ ސްކީމް ފައްޓަވައި ދެއްވާފަ އެވެ. މުޅި ރާއްޖެއަށް ހުޅުވާލި މި ސްކީމަށް އެދި ހުށަހެޅުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި 3 ކެޓަގަރީއަކުން ވަނީ ފައިނޭންސް ދޫކުރުމަށް ނިންމާފަ އެވެ.
މި ސްކީމު ކުރިއަށް ގެންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5 އިންސައްތަ އެވެ.