ENGLISH

21 އޭޕްރީލު 2025

Advertisement

ބިމެއް ވިއްކާނެ ކަމަށް ބުނެ އެޗްޑީސީގެ މުވައްޒިފަކު މީހަކު އަތުން ފައިސާ ނެގި މައްސަލާގައި ދައުވާ ކޮށްދޭން އެދިއްޖެ

21 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ -- ފައިލް ފޮޓޯ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒިފަކު, ހުޅުމާލެ އިން ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހަކު އަތުން ފައިސާތަކެއް ހޯދި މައްސަލާ ގައި ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

މި މައްސަލާގައި ދަޢުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، އެޗްޑީސީގެ އެސްޓޭޓް އޮފިސަރގެ މަޤާމުގައި ކުރިންހުރި ކ.މާލެ، މ.ސީވިންޑް، ފުތިޙަ ޝާކިރު ގެ މައްޗަށެވެ.  

އޭނާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެ ކަމަށް ބުނެ، އޮޅުވާލައިގެން އަމިއްލަ ފަރާތަކުން 550,000 ރުފިޔާ ނަގާފައެވެ.

އޭސީސީން ބުނީ 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިޙަ ޝާކިރު، އެޗް.ޑީ.ސީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، 550,000 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަޙުޤީޤުން ހޯދިފައިވާ ކަމަށެވެ.

މި މައްސަލާ ގައި ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާ އެވެ. އަދި ބިން ވިއްކާނެކަމަށް ބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ 550,000 ރުފިޔާ އެ ދަޢުވާގެ ތެރެއިން ހޯދުމަށް ވެސް އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު