ENGLISH

21 އޭޕްރީލު 2025

Advertisement

ފްލެކްސަރ އަތުން ވެމްކޯ ބަލިވެއްޖެ

21 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ފްލެކްސަރ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ ޤައުމީ ވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުގައި ފްލެކްސަރ ސްޕޯޓްސް ކްލަބް އަތުން އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ ބަލިވެއްޖެއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ފްލެކްސަރ ގެ ފުރަތަމަ މޮޅެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް އަތުން ވަނީ ބަލިވެފައެވެ. ވެމްކޯ ކުޅުނު ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބް އަތުން ވަނީ މޮޅުވެފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ފްލެކްސަރ ވަނީ 3-1 ސެޓުން ވެމްކޯ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުން ވެސް ފްލެކްސަރ 25-18 އިން ކުރިހޯދާފައިވަނިކޮށް، ވެމްކޯ އިން ތިންވަނަ ސެޓު ކާމިޔާބުކުރީ 27-25 އިންނެވެ.

އެއަށްފަހު ކުޅުނު ހަތަރުވަނަ ސެޓުގައި 25-22 އިން ކުރިހޯދައި، ފްލެކްސަރ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލެކްސަރގެ ޓަފްރަސަމްރޮންގ ޕައެއްމަނީ އެވެ.

ޖީޖީ ސްޕޯޓްސް އެކަޑެމީއާ ސިޓީ ފްރެންޑްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ އަތުން ސިޓީ ފްރެންޑްސް ކްލަބް މޮޅުވީ ވެސް 3-1 ސެޓުންނެވެ.

ޖީޖީ ސްޕޯޓްސް އެކަޑެމީން ފުރަތަމަ ސެޓު 25-19 އިން ގެންގޮސްފައިވަނިކޮށް، ސިޓީ ފްރެންޑްސް ކްލަބުން ވަނީ ދެން ޖެހިގެންއައި ތިން ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުން މި ސެޓުތައް ކާމިޔާބުކުރީ 25-20، 25-17 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީ ފްރެންޑްސް ކްލަބުގެ ޖުލާލަކް ނަޗަލޮއެން އެވެ.

މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ބައިވެރިވެފައިވާއިރު، ހުރިހާ ޓީމެއްގެ މެދުގައި ކުޅޭ ލީގު ބުރަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ. އަދި ލީގަށްފަހު ދެން ކުރިއަށް އޮތް ޤައުމީ މުބާރާތުން ފުރުޞަތު ލިބޭނީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށެވެ.

މުބާރާތުގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު، ޕޮލިހުން ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށް ނިކުންނައިރު، ހުރާ ޓީމު ބައްދަލުކުރާނީ ޖީޖީ ސްޕޯޓްސް އެކަޑެމީއާ އެވެ.

ކިޔުންތެރިންގެ ހިޔާލު