ENGLISH
04 ޖޫން 2026
މެކްސިކޯ ސިޓީ ސްޓޭޑިއަމް: ފީފާ ވޯލްޑް ކަޕުގެ ތާރީޚާއި ގުޅިފައިވާ އެންމެ ފާހަގަކޮށްލެވޭ ސްޓޭޑިއަމް
04 ޖޫން 2026
|
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ކުޅެވިގެންދާ ތާރީޚީ ދަނޑު، މެކްސިކޯ ސިޓީ ސްޓޭޑިއަމް -- ފޮޓޯ: ގެޓީ އިމޭޖަސް
އެންމެ މަޤްބޫލު
އުތުރު އެމެރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ، އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި މި ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕް 2026 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކުގެ ތެރޭގައި ޒަމާނީ ވަސީލަތްތަކުން މުއްސަނދި އަދި ތާރީޚީ ގޮތުން މުހިންމު އެތައް ދަނޑެއް ހުރި ނަމަވެސް، މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި ހުންނަ އެސްޓާޑިއޯ އަޒްޓެކާ ނުވަތަ މެކްސިކޯ ސިޓީ ސްޓޭޑިއަމަކީ މި ހުރިހާ ސްޓޭޑިއަމްތަކުގެ ތެރެއިން އެންމެ ޚާއްސަ އަދި ތާރީޚީ ދަނޑެވެ.
މީގެ 58 އަހަރު ކުރިން އޮތް 1968 ވަނަ އަހަރުގެ އޮލިމްޕިކްސްއަށް، 1966 ވަނަ އަހަރުގެ ތެރޭގައި ބިނާކުރި މި ދަނޑު އެކި ފަހަރުމަތިން މަރާމާތުކޮށް، ޒަމާނީގޮތަށް ބަދަލުތައް ގެނެސްފައިވާއިރު، މި އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ބައެއް މެޗުތައް މި ދަނޑުގައި ކުޅޭގޮތަށް ހަމަޖެހުމާއެކު މި ސްޓޭޑިއަމް ވެފައިވަނީ ވޯލްޑް ކަޕުގެ ތިން މުބާރާތެއްގެ ފުރަތަމަ މެޗު ކުޅެވިގެންދާ ހަމައެކަނި ދަނޑަށެވެ.
މި ސްޓޭޑިއަމްގެ ޚާއްސަ އަދި ތާރީޚީ ކަންކަމުގެ ތެރޭގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕުގެ ދެ މުބާރާތެއްގެ ޝަރަފުވެރި ފައިނަލް މެޗު އެ ދަނޑުގައި ކުޅެފައިވުން ފާހަގަކޮށްލެވެއެވެ. އެގޮތުން 1970 އާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅެފައިވަނީ މި ދަނޑުގައެވެ.
ފީފާ ވޯލްޑް ކަޕް 1970 ގެ ފައިނަލުގައި ބްރެޒިލް އާއި އިޓަލީ ބައްދަލުކުރި މެޗުގެ ކުރިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ފީފާ.ކޮމް
އެހެންކަމުން މި ސްޓޭޑިއަމާ ގުޅުންހުރި ތާރީޚީ ހަނދާންތައް ނުހަނު ގިނައެވެ. އޭގެ ތެރޭގައި 1970 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މި ދަނޑުގައި ކުޅެ، ބްރެޒިލްއިން 4-1 އިން އިޓަލީ ބަލިކޮށް، ތިންވަނަ ފަހަރަށް ތަށި އުފުލައިލުން ހިމެނެއެވެ.
އަދި 1986 ވަނަ އަހަރު އާޖެންޓީނާއިން ވެސްޓް ޖަރމަނީ 3-2 އިން ބަލިކޮށް، ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު، ޑިއޭގޯ މަރަޑޯނާ އޭނާގެ ޓީމުގެ ކުޅުންތެރިންގެ ކޮނޑުމަތީގައި ދަނޑު ވަށައި ބުރުޖެހި ތާރީޚީ މަންޒަރު ފެނިގެންދިޔައީވެސް ހަމަ މި ދަނޑުންނެވެ.
އެހެންނަމަވެސް މި ދަނޑާއި ގުޅުންހުރި ހަނދާނުން ފޮހެލަން އުނދަގޫ ތާރީޚީ ކަންކަމުގެ ތެރޭގައި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗު ފާހަގަކޮށްލެވެއެވެ. އެ މެޗުގައި މަރަޑޯނާގެ މަޝްހޫރު "ހޭންޑް އޮފް ގޯޑް" ލަނޑާއި، "ގަރުނުގެ އެންމެ މޮޅު ލަނޑު" ދުނިޔެއަށް ފެނިގެންދިޔައީ މި ދަނޑުގައެވެ.
1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި އިންގްލެންޑް ކުއާޓާ ފައިނަލުގައި ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: ފީފާ.ކޮމް
މީގެ އިތުރުންވެސް މި ސްޓޭޑިއަމްއާ ގުޅުންހުރި ޚާއްސަ ކަންކަމުގެ ތެރޭގައި ދުނިޔޭގެ ކަނޑުގެ ސަތަހައަށްވުރެ ގާތްގަނޑަކަށް 7،200 ފޫޓު އުސްމިނުގައި މި ދަނޑު އޮތުމުގެ ސަބަބުން، އިދިކޮޅު ޓީމުތަކަށް މިއީ އަބަދުވެސް ކުޅެން އުނދަގޫ، ގޮންޖެހުން ބޮޑު މާހައުލަކަށްވުންވެސް ހިމެނެއެވެ.
މި ފަހަރުގެ ފީފާ ވޯލްޑް ކަޕުގައި ކުޅުމަށް ހަމަޖެހިފައިވާ 104 މެޗުގެ ތެރެއިން މި ތާރީޚީ ސްޓޭޑިއަމްގައި މުޅިއެކު ފަސް މެޗު ކުޅޭނެއެވެ. މީގެ ތެރެއިން މެކްސިކޯއިން ގްރޫޕް ސްޓޭޖުގައި ކުޅޭ ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅޭނީ މި ދަނޑުގައެވެ. އޭގެ ތެރޭގައި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ހިމެނޭހެން ފުރަތަމަ މެޗުގައި މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗު ހިމެނެއެވެ.
ވޯލްޑް ކަޕުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން ގައުމެއްގައި ބާއްވާ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކުގެ ތެރެއިން މެކްސިކޯގެ އެންމެ ތާރީޚީ މި ސްޓޭޑިއަމްގެ އެންމެ ފަހުގެ މަރާމާތުގެ މަސައްކަތްތައް މި އަހަރުގެ ކުރީކޮޅު ނިންމާލިއިރު، މިހާރު މި ދަނޑުގެ ކެޕޭސިޓީ ވަނީ 87،500 އަށް އިތުރުކޮށްފައެވެ. ފަހުން ގެނައި ބަދަލުތަކާއެކު މި ސްޓޭޑިއަމަށް އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްދީފައެވެ.