ENGLISH
05 ޖޫން 2026
އަފްޣާނިސްތާނާއި ބަންގްލަދޭޝްގެ ކުރިމަތިލުން އެއްވަރު
04 ޖޫން 2026
|
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި އަފްޣާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި އަފްޣާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، މުބާރާތުގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުވެސް ނިމިފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެކަމަކު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އަފްޣާނިސްތާން ވަނީ 1-0 ގެ ނަތީޖާއަކުން ރާއްޖެ އަތުން މޮޅުވެފައެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ. މިރޭގެ މެޗު އެއްވަރުވުމާއެކު ތާވަލުގެ އެއްވަނައިގައި އޮތް ޕާކިސްތާނާއި، ދެވަނައިގައި އޮތް އަފްޣާނިސްތާނަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް ދެ މެޗުން ދެ ޕޮއިންޓް ލިބުނުއިރު، ފުލުގައި އޮތް ރާއްޖެއަށް ދެ މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ރާއްޖެއަށް ފައިނަލަށް ދިޔުމުގެ ފުރުސަތު ގެއްލިފައިވާއިރު، އަނެއް ތިން ޓީމަށްވެސް އެ ފުރުސަތު އެބައޮތެވެ.
މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 15 ވަނަ މިނެޓުގައި ހާފުގެ މެދާ ހަމައިން އަފްޣާނިސްތާނުގެ ކެޕްޓަން އޮމިދު ޕޮޕަލްޒީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި އަފްޣާނިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އޭގެ ފަހުން ބަންގްލަދޭޝްއިން ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 26 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އެ ޓީމުގެ ޒުވާން ފޯވާޑް އެމްޑީ ރަބީ ހޮސެން ރާހުލް ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ރާހުލް ފޮނުވާލި އިތުރު ހަމަލާއެއް އަފްޣާނިސްތާނުގެ ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ރާހުލް ވަނީ ނުރައްކާތެރި އިތުރު ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ފަހުން ދެ ޓީމަށްވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން އަފްޣާނިސްތާނުގެ މޮސާވެރް އަހާދީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗު އެއްވަރުވެގެން ނިމުމާއެކު، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި ހަތަރު މެޗުވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. ބަންގްލަދޭޝްއަށް މިހާތަނަށް އަފްޣާނިސްތާން ބަލިކުރެވިފައި ނުވާއިރު، އަފްޣާނިސްތާން އެންމެ ފަހުން ބަންގްލަދޭޝް އަތުން މޮޅުވެފައިވަނީ 2019 ވަނަ އަހަރު ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަނުގެ މެޗެއްގައެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 16:00 ގައި އަފްޣާނިސްތާނާއި ޕާކިސްތާން ބައްދަލުކުރާއިރު، އެރޭ 21:00 ގައި ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.