ENGLISH

04 ޖޫން 2026

Advertisement

ފަޒުނާ ސިފަކުރެއްވި ގޮތުގައި ފައްޔާޒާއި ނަޝީދު ހުށަހަޅުއްވާ ބޮޑު ބަދަލަކީ ޕާޓިގެ އެކުވެރިކަމަށް އޮތް ހުރަހެއް

04 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސް ސޯލިހުގެ ދެމަފިރިކަނބަލުންނާއި ރައީސް މުހައްމަދު ނަޝީދު

ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ހުށަހަޅުއްވާ ބޮޑު ބަދަލަކީ އެމްޑީޕީގެ އެކުވެރިކަމަށް އޮތް ހުރަހެއްގެ ގޮތުގައި ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ސިފަކުރައްވައިފިއެވެ. 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާއަކީ އާއިލީ ގޮތުން ރައީސް ނަޝީދާ ގާތްތިމާގެ ބޭކަނބަލެކެވެ. ނަޝީދާއި ރައީސް ސޯލިހުގެ މެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދޭތެރެއަކުން ފަޒުނާ ރައްދުދެއްވައެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ދިފާއުކުރެެއްވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވުމަށްފަހު، ސޯލިހުގެ ވާދަވެރިޔާ ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ފެއްޓެވިއެވެ. އަދި ނަޝީދު ޕާޓީގެ ޗެއާޕާސަންކަމަށް ކުރިމަތިލެއްވުމާއެކު، އެމަނިކުފާނަށް ފައްޔާޒު ތާއީދުކުރެއްވިއެވެ. 

ނަޝީދު ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާކަން އިއުލާނުކުރެއްވި ދުވަހު "ބޮޑު ބަދަލު"ގެ ނަމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތްތަކެއް ހުށަހެޅުއްވިއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންގެ ސަމާލުކަން ލިބުނު ހުށަހެޅުމަކީ ސަރުކާރުގެ ވެރިޔާއާއި ދައުލަތުގެ ވެރިޔާ ވަކިކޮށް، ސަރުކާރުގެ ވެރިއަކަށް ފައްޔާޒު އިންތިހާބުކުރުމާއެކު، ނަޝީދު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ވަޑައިގަންނަވާ ގޮތަށް ދެ ބޭފުޅުން ހުށަހެޅުއްވި ހުށަހެޅުމެވެ. 

ފަޒުނާ ނަޝީދާއި ފައްޔާޒުގެ މިހުށަހެޅުއްވުމަށް ރައްދުދެއްވީ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ޗެއާޕާސަން އިންތިހާބުގައި ނަޝީދަށް ތާއީދުކުރެއްވުމަށް ނިންމެވި ސަބަބު ހާމަކުރައްވައި ލިޔުއްވި ޕޯސްޓަށް ރައްދުދެއްވަމުންނެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި ނަޝީދާ ދެކޮޅަށް މަސައްކަތްކުރެއްވީ އެމަނިކުފާނު ޕާޓީ ރޫޅައިލައްވަން އުޅުއްވީތީއެވެ. 

ރޮޒައިނާގެ ޕޯސްޓަށް ރައްދުދެއްވަމުން ފަޒުނާ ކުރެއްވި ޕޯސްޓެއްގައި، ރައީސް ނަޝީދު ޗެއާޕާސަންކަމަށް ވާދަކުރައްވަނީ ބޮޑުބަދަލުގެ ނަމުގައި ފައްޔާޒަށް ބޮޑުވަޒީރުކަމާއި ރައީސް ނަޝީދަށް ދައުލަތުގެ ވެރިޔާގެ މަގާމު ލިބިވަޑައިގަންްނަވާ ގޮތަށް ބަދަލުކުރެއްވުމަށް ނޫންތޯ ސުވާލުކުރެއްވިއެވެ. 

"އެކަމަކު ރައީސް ނަޝީދަށް ތާއީދުކުރައްވަން ނިންމެވި އެއް ސަބަބު ކަމަށް ވިދާޅުވެފައި ތިވަނީ ޕާޓީ އެއްކުރައްވަން ވަޑައިގެންނެވި ވާހަކައެވެ. ރައީސް ނަޝީދު ޗެއާޕާސަންކަމަށް ނުކުމެވަޑައިގަތީ ބޮޑުބަދަލުގެ ނަމުގައި ފައްޔާޒަށް ބޮޑުވަޒީރުކަން ރައީސް ނަޝީދަށް ދައުލަތުގެ ވެރިޔާކަން ދޭގޮތަށް ދެއްތޯއެވެ؟ މިހާހިސާބުން ވެސް އެ އޮތީ އެކުވެރިކުރުވުމުގެ މަގަށް ހުރަސްއެޅިފައެވެ.“ ފަޒުނާ ލިޔުއްވިއެވެ. 

ފަޒުނާ އިތުރަށް ވިދާޅުވީ ފައްޔާޒު އަދި ނަޝީދުވެސް ސިޔާސީ މަގާމަކަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވުމަކީ މައްސަލައެއްކަމަށް ދެކަވޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ ވަކި އަތަކަށްނުޖެހި މަސައްކަތްކުރަންޖެހޭ މަގާމެއް ކަމުގައި ފާހަގަކުރައްވައި ފަޒުނާވަނީ އެ މަގާމަށް ވަކި އަތަކަށް ޖެހިވަޑައިގެން ހުންނެވި ބޭފުޅަކު ވަޑައިގެން ހަމަހަމަކަން ގާއިމުކޮށް ޕާޓީގެ އެކުވެރިކަން ނެގެހެއްޓޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ރޮޒައިނާވަނީ ޗެއާޕާސަން ވަކި އަތަކަށް ޖެހިވަޑައިނުގަތުމާ ގުޅޭ ގޮތުން ފަޒުނާ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާފައެވެ. އެގޮތުން 2023 ވަނަ އަހަރު އޮތް އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ހިންގެވީ އެއިރު ރައީސް ސޯލިހަށް ތާއީދުކުރައްވައި އެމަނިކުފާނުގެ އަރިހުގައި ހުންނެވި ފައްޔާޒުގެ ބެއްލެވުމުގެ ދަށުންކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ފައްޔާޒު މަސައްކަތްކުރެއްވީ އިންސާފުވެރި އިންތިހާބެއް ބާއްވަވަން ކަމަށެވެ. 

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން އެ ޕާޓީގެ އެތެރޭގައި 2023 ވަނަ އަހަރު އުފެދުނު ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންތައް އަލުން ފެންމަތިވެފައިވެއެވެ. ރައީސް ސޯލިހަށް ތާއީދުކުރާ މީހުން އަންނަނީ ރައީސް ނަޝީދަކީ ޕާޓީއަށް ހިޔާނާތްތެރިވެ އެންމެ ބޮޑަށް ޕާޓީއަށް ބޭނުންޖެހުނު ވަގުތު ޕާޓީ ދޫކޮށްލެއްވި ބޭފުޅެއްކަމަށް ބުނަމުންނެވެ. ނަޝީދަށް ތާއީދުކުރާ މީހުންދަނީ ނަޝީދު ޕާޓީގައި ދެމިހުންނެވި ނަމަވެސް އެމްޑީޕީއަށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުނުވާނެ ކަމަށާއި، ސަބަބަކީ ރައީސް ސޯލިހަށް އެއިރު ތާއީދު ނެތުންކަމަށް ވިދާޅުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު