ENGLISH
04 ޖޫން 2026
ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި
04 ޖޫން 2026
|
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޕާކިސްތާނުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗާ ކުރިމަތިލިއިރު މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ 1-0 ގެ ނަތީޖާއަކުން އަފްޣާނިސްތާން އަތުން ބަލިވެފައެވެ. އަދި ޕާކިސްތާން ވަނީ ބަންގްލަދޭޝްއާ ބައްދަލުކުރި މެޗުން ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ. މި މެޗުން ބަލިވުމާއެކު ރާއްޖެ މުބާރާތުގެ ފައިނަލަށް ނުގޮސް ކެޓިއިރު، މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ ރާއްޖެ އޮތީ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ. އެއްވަނައަށް ޖެހިލި ޕާކިސްތާނަށް ދެ މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަފްޣާނިސްތާނަށް ވަނީ އެއް މެޗުން 3 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށް އެއް މެޗުން ވަނީ ޕޮއިންޓެއް ލިބިފައެވެ.
މިއަދުގެ މެޗަށް ރާއްޖެއިން ނެރުނު ފުރަތަމަ އެގާރައިގައި ދެ ބަދަލެއް ފެނިގެންދިޔައެވެ. އެގޮތުން އެންމެ ފަހުން އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހަމްޒާ މުޙައްމަދު (ހަމްޕު) ގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ފުރަތަމަ އެގާރައިގައި ހިމެނިއިރު، މި މެޗުގައި ރާއްޖޭގެ ގޯލް ބަލަހައްޓާފައިވަނީ ތަޖުރިބާކާރު ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ. ފައިސަލަށް މި މެޗުގައި ކެޕްޓަން ބޭންޑް ދިންއިރު، މިދިޔަ މެޗުގައި ރާއްޖޭގެ ގޯލުން ފެނިގެންދިޔައީ ހުސައިން ޝަރީފެވެ.
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
މި މެޗުގެ ކުޅުން ފެށުނުތަނާހެން ވާރޭވެހެން ފެށިއިރު، ޕާކިސްތާނުން ވަނީ ފުރަތަމަ ހާފު ޑޮމިނޭޓުކޮށްގެން ކުޅެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، އެންމެ ހުސް ފުރުސަތެއް ލިބުނީ ޕާކިސްތާނަށެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އެ ޓީމުގެ އާދިލް ނަބީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގެ ދެވަނަ ހާފަށް ރާއްޖެ ނުކުމެފައިވަނީ ދެ ބަދަލަކާއެކުއެވެ. އެގޮތުން ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި ޒުވާން ކުޅުންތެރިޔާ ނައްސާހު އިބްރާހީމް ނާސިރު ކުޅެން ނުކުތުމާއެކު ރާއްޖޭގެ އެޓޭކުތައް ވަރުގަދަވިއިރު، މި ހާފުގެ ކުރީކޮޅު ރާއްޖޭގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އޭރިއާ ބޭރުން ރާއްޖޭގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން ސެންޓޭ ދިން ބޯޅައަކުން އޭރިއާ ތެރެއިން ޒުވާން ފޯވާޑް މުޙައްމަދު އިލާން އިމްރާން ފޮނުވާލި ބޯޅަވެސް ކީޕަރު ވަނީ މަތަކޮށްފައެވެ.
އެކަމަކު އޭގެ މިނެޓެއް ފަހުން ޕާކިސްތާނުން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން މުޙައްމަދު ހައްޔާން ޚައްޓަކް ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ދިފާއުކުރި ނަމަވެސް، ރިބައުންސަށް ލިބުނު ބޯޅަ އުމަރު ނަވާޒް ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްފައެވެ. މިއީ މި މެޗުގައި ޕާކިސްތާނުން ރާއްޖޭގެ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއެވެ.
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
މި މެޗުގެ 56 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރާއްޖޭގެ މިޑްފީލްޑަރު އަޙްމަދު އައިހަމް ފޮނުވާލި ހަމަލާ ޕާކިސްތާނުގެ ކީޕަރު ދިފާއުކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން ސެންޓޭ ފޮނުވާލި ހަމަލާއެއްވެސް ކީޕަރު ވަނީ ހުއްޓުވާފައެވެ.
މި މެޗުގެ 71 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވާފައެވެ. މިއީ ދަގަނޑޭ ގައުމީ ޓީމަށް ކުޅެދިން 101 ވަނަ މެޗެވެ. މީގެ ކުރިން އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭ ވަނީ 100 މެޗު ހަމަކޮށް، ފީފާ ސެންޗަރީ ކުލަބުން ޖާގަ ހޯދާފައެވެ.
މި މެޗުގައި ޕާކިސްތާނުން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން ނުކުތް އަބްދުލް ސަމަދު ޝަހުޒާދެވެ. އަދި އޭގެ ތިން މިނެޓު ފަހުން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބަދަލު ކުޅުންތެރިޔާ ހާރޫން ހާމިދު ވަނީ ޕާކިސްތާނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މެޗުން ޕާކިސްތާން އަތުން ރާއްޖެ ބަލިވިއިރު، މިއީ މިދިޔަ 35 އަހަރުގެ ތެރޭގައި ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. އެގޮތުން އެންމެ ފަހުން ޕާކިސްތާނުން ރާއްޖެ ބަލިކޮށްފައިވަނީ 1991 ވަނަ އަހަރުގެ ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސްގައެވެ. އޭގެ ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު 7 މެޗުގެ ތެރެއިން 4 މެޗުން ރާއްޖެ މޮޅުވިއިރު، އަނެއް 3 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި ބަންގްލަދޭޝްއެވެ. މި މެޗު ފަށާނީ މިރޭ 21:00 ގައެވެ.