ENGLISH

04 ޖޫން 2026

Advertisement

ފާއިތުވި އަހަރު މަސައްކަތްތެރިންގެ ރެމިޓެންސްގެ ގޮތުގައި 660.8 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވި

04 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ބިދޭސީ މަސައްކަތްތރެ

ދިވެހިރާއްޖެއިން ބޭރުވި ފައިސާގެ ތެރެއިން މަސައްކަތްތެރިންގެ ރެމިޓެންސް ނުވަތަ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު 660.8 މިލިއަން ޑޮލަރަށް އިތުރުވިކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މަރުކަޒީ ބޭންކުން އާއްމުކުރި އެ ބޭންކުގެ 2025 ވަނަ އަހަރުގެ އާއްމު ރިޕޯޓުގައި ބުނެފައިވާ ގޮތުން ދިވެހި ދައުލަތުގެ ސެކަންޑަރީ އިންކަމް އެކައުންޓު ނުވަތަ މުގާބިލެއް ނެތި ހިންގާފައިވާ ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެވި ފައިސާއާއި ބޭރުވި ފައިސާގެ ފަރަގ 653.2 މިލިއަން ޑޮލަރަށްވަނީ އަރާފައެވެ. މާނައަކީ ރާއްޖެއަށް އެތެރެވި ފައިސާއަށްވުރެ އިތުރަށް 653.2 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވުމެވެ. 

ރާއްޖެއަށް އެތެރެވި ފައިސާއާ އަޅާބަލާއިރު ބޭރުވި ފައިސާ އިތުރުވުމަށް މެދުވެރި މައިގަނޑު ސަބަބެއްގެ ގޮތުގައި މަރުކަޒީ ބޭންކުން ފާހަގަކުރީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވި ރެމިޓެންސްގެ ފައިސާ ވަރަށް ބޮޑަށް އިތުރުވުމެވެ. މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން މަސައްކަތްތެރިން ބޭރަށް ފޮނުވި ފައިސާގެ އަދަދު 660.8 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. 

 މުގާބިލެއް ނެތި ހިންގާފައިވާ ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ތެރެއިން ރާއްޖެއަށް އެތެރެވާ މައިގަނޑު ފައިސާއަކީ ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާއެވެ. ނިމުނު އަހަރު ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 27.3 މިލިއަން ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރު ހިލޭއެހީގެ ގޮތުގައި ލިބުނު އަދަދަށްވުރެ 15 މިލިއަން ޑޮލަރު މަދު އަދަދެއްކަން އެމްއެމްއޭއިން ފާހަގަކޮށްފަައިވެއެވެ. 

ރަސްމީކޮށް ރާއްޖޭގައި ރެމިޓެންސް ހިދުމަތްދިނުމަށް ހުއްދަދީފައިވަނީ ތިން ކުންފުންޏަކަށެވެ. އެ ތިން ކުންފުނިން 2025 ގައި ހިދުމަތް ފޯރުކޮށްދިންއިރު އެ ކުންފުނިތަކުގެ ޒަރީއާއިން 167.6 މިލިއަން ޑޮލަރު ޖުމްލަ 139،000 މުއާމަލާތުގެ ތެރެއިން ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އެއީ ކުރީ އަހަރަށްވުރެ އަށް އިންސައްތަ އިތުރު މިންވަރެކެވެ. 

ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ މުއާމަލާތްތަކުގެ 94 އިންސައްތައަކީ ބިދޭސީން ހިންގި މުއާމަލާތްތަކެވެ. ދިިވެހިން ހިންގި މުއާމަލާތްތަކަކީ އެންމެ ހަ އިންސައްތއެވެ. ބިދޭސީން ހެދި ރެމިޓެންސް މުއާމަލާތްތަކުގެ އަދަދު ނިމުނު އަހަރު 89 އިންސައްތައިން އިތުރުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު