ENGLISH
21 ޖުލައި 2026
އަންނަ ފިނި މޫސުމުގައި ރާއްޖެއާއި އިތިއޯޕިޔާއާ ދެމެދު ސީދާ ދަތުރުތައް ފެށިގެންދާނެ: އަމީން
21 ޖުލައި 2026
|
ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.
އެންމެ މަޤްބޫލު
އަންނަ ފިނި މޫސުމުގައި ރާއްޖެއާއި އިތިއޯޕިޔާއާ ދެމެދު ސީދާ ދަތުރުތައް ފެށިގެންދާނެކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖެއާއި އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައެވެ.
މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަމީނެވެ. އިތިޔޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.
މެދުއިރުމަތީގެ ހާލަތު ގޮސްވެފައިވާ މި ދަނޑިވަޅުގައި އިތިއޯޕިޔާއާއެކު ގާއިމުކުރެވިގެން ދިޔައީ މުހިންމު އެއްބަސްވުމެއްގައިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިތިއޯޕިޔަން އެއާލައިނަކީ އެފްރިކާ ބައްރުގައި ވައިގެ ދަތުރުތައް ކުރާ އެންމެ ބޮޑު އެއާލައިންކަމަށެވެ. އެގޮތުން އިތިއޯޕިޔަން އެއާލައިނުން 165 އަކަށް ވުރެ ގިނަ މަންޒިލްތަކަށް މިހާރުވެސް ދަތުރުކުރާކަމަށާއި މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތުގެ ތެރެއިން އިރާދަކުރެއްވިޔާ އެޑިސް އަބާބާއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފެށިގެންދާނެ މި އަންނަ ފިނި މޫސުމުގައި، މިއީ ހަމަ ވަރަށް ބޮޑު ކުރިއެރުމެއް، ސަރުކާރުން މި ގެންގުޅޭ ސިޔާސަތުގެ ދަށުން ލިބުނު ބޮޑު ކުރިއެރުމެއް، މިކަން ހަގީގަތަކަށް ހެއްދެވުމަށްތަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުގަނޑުމެންނާއެކު ކުރެއްވި މަސައްކަތްޕުޅަށް ޝުކުރު ދަންނަވަން،" ވަޒީރު ވިދާޅުވިއެވެ.
މި އެއްބަސްވުމާއެކު ހަމައެކަނި ފައިދާ ކުރާނީ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަނި ނޫންކަމަށާއި އެފްރިކާ ބައްރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކުރަންވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.
"ހާއްސަކޮށް މޭވާއާއި ތަރުކާރީގެ ބާވަތްތައް އިމްޕޯޓުކުރުމަށް ފަސޭހަވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެއްބަސްވުމާއެކު ދިވެހިރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އިތިޔޯޕިއާއަށް ސީދާ ދަތުރުތައް ކުރުމަށް މަގުފަހިވެ، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ލިބޭ މަންފާއާއި ކުރިއެރުން އިތުރުވެގެންދާނެކަމަށެވެ.
އިތިޔޯޕިއާއަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލި ހަ ވަނަ ގައުމެވެ. މީގެ ކުރިން އެފްރިކާ ބައްރުން ރާއްޖެއާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކުރި ގައުމުތަކުގެ ތެރޭގައި މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ދެކުނު އެފްރިކާ ހިމެނެއެވެ.