ENGLISH
04 ޖޫން 2026
ބޮޑު އިސްރާފެއް؛ އައްޑޫއަށްް ކަދުރު ރުކެއް 6،000 ރުފިޔާއަށްވުރެ ބޮޑު އަގުގައި ގަތީ ޕްލޭނެއް ނެތި
04 ޖޫން 2026
|
އައްޑޫގައި ކަދުރު ރުއް ޖަހާފައިހުރި މަގެއް
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ޒީނަތްތެރިކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ބޮޑު އަގު ދީފައި ކަދުރު ރުއްތަކެއް ގަނެފައިވަނީ އެ ރުއްތައް ބޭނުންކުރާނެ ގޮތުގެ އެކަށީގެންވާ ޕްލޭނެއް ނެތިކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސިޓީ ކައުންސިލުގެ 2021 އަދި 2022 ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިކަދުރު ރުއްތައް ގަތުމަށް ސިޓީ ކައުންސިލުން ހަރަދުކުރީ ކޮންޑިޝަނަލް ގްރާންޓުގެ ގޮތުގައި ސަރުކާރުން ސިޓީ ކައުންސިލަށް ދިން ދިހަ މިލިއަން ރުފިޔާގެ ތެރެއިންނެވެ.
ކައުންސިލުން ހޯދީ 300 ކަދުރު ރުކެވެ. އެރުއްތައް ހޯދީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތް ހަވާލުކުރީ 1.87 މިލިއަން ރުފިޔާއަށެވެ. އެއީ 49 ދުވަހުގެ ތެރޭގައި ރުއްތައް ފޯރުކޮށްދޭ ގޮތަށެވެ.
ކައުންސިލުން ބުނެފައިވާ ގޮތުން ކަދުރު ރުއް ހޯދަނީ އައްޑޫ ސިޓީ ޒީނަތްތެރިކުރުމުގެ މަގުސަދުގައެވެ. އެ މަގުސަދުގައި ކަދުރު ރުއް ހޯދުމަށް ބޮޑު ހޭދައެއް ކުރިއިރު އެކަން ކުރީ ހޯދާ ކަދުރު ރުއްތައް ޖަހާނެ ތަންތަން ކަނޑައަޅައި ސިޓީގެ ޒީނަތްތެރިކަމަށް މަސައްކަތްކުރާނެ ގޮތް ނިންމުމަށްފަހު ނޫންކަން އޮޑިޓު ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
މި މަޝްރޫއަށް ހަރަދުކުރި ފައިސާއަށް ބަލާއިރު ގެނައި ކޮންމެ ކަދުރު ރުކަކަށް 6،264 ރުފިޔާ ހަރަދުކޮށްފަައިވެއެވެ.
އެ ރުއްތަކުގެ ތެރެއިން 100 ރުއް އައްޑޫ ސިޓީ މަރަދޫ އަވަށަށް ދިނުމަށްފަހު އެރުއްތައް އިންދަން ނިންމީ އެ އަވަށުގެ ލިންކު ރޯޑުގައި އެއިން ގިނަ ރުއް އިންދާށެވެ. ތާރުގަނޑު ކަނޑައިގެން ރުއްތައް ޖަހާފައިވާއިރު އެކަމުގެ ސަބަބުން އެކި ހިސާބުތަކުން ދުވާރުގެ އެކި ބައިތައް ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ.
އަދި އާއްމުކޮށް އުދައިގެ އަސަރުކުރާ އެ ސަރަހައްދުގައި ރުއްތައް އިންދުމަށް ވަޅުގަނޑުތަކެއް ކޮނުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ފަސްގަނޑު ދަމައިގަނެގެން ގޮސްފައިވާކަމަށްވެސް އޮޑިޓު އޮފީހުން ބުންޏެވެ. އަދި އެކަންކަން ރަނގަޅުކުރުމަށް ކައުންސިލުން އިތުރު ހަރަދުތަކެއް ކުރަންޖެހޭނެ ކަމުގައި އޮޑިޓު އޮފީހުން ދެކެއެވެ.
އޭގެ އިތުރަށް ޕްލޭނެއް ނެތުމުގެ ސަބަބުން މަރަދޫގައި އިންދި ގިނަ ރުއްތައް މަރުވާން ފެށުމުން ބާކީހުރި ރުއްތައް ނަގައިގެން އެހެން ސަރަހައްދަކަށް ގެންގޮސް އިންދަންޖެހުނުކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިހުރިހާ މައްސަލައެއް ކުރިމަތިވީ ރުއްތަ ގަންނަން ފެށުމުގެ ކުރިން އެކަށީގެންވާ ޕްލޭނެއް ހަދާފައި ނެތުމުގެ ސަބަބުންކަމަށް އޮޑިޓު އޮފީހުން ބުނެފައިވެއެވެ.