ENGLISH

04 ޖޫން 2026

Advertisement

ފަތުރުވެރިކަމަށް ދޫކުރި ބިންތަކުގެ އެއްބަސްވުން ހެދި ގޮތުން އައްޑޫ ކައުންސިލަށް 5.58 މިލިއަންގެ ގެއްލުން

04 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އައްޑޫ ފޭދޫގެ ޓޫރިޒަމް ޒޯނު

ފަތުުރުވެރިކަމުގެ ބޭނުންތަކަށް އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުގެ ހެޑް ލީޒް އެހެން ފަރާތްތަކަށް ބަދަލުކުރުމުގެ ގޮތުން އަލުން އެއްބަސްވުންތައް ހެދުމުގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުން ކައުންސިލަށް 5.58 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. 

އައްޑޫ ސިޓީ ކައުންސިލުގެ 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ހާމަކުރި ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ބިންތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކުގައި ބަޔާންކުރާ ގޮތުން އެއްބަސްވުމަށް އަމަލުކުރަން ފަށާނީ މަސައްކަތްކުރާނެ ގޮތުގެ ޕްލޭނު ކައުންސިލުން އެޕްރޫވްކުރާ ތާރީހުން ފެށިގެންނެވެ. 

އަދި މަސައްކަތް ފަށާ ތާރީހުން ފެށިގެން 24 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވާއިރު އެ މުއްދަތުގައި ކުލި ދައްކަންނުޖެހޭނެކަމަށާއި ކުލި ހިނގަންފަށާނީ އެ މުއްދަތު ހަމަވާ ތާރީހުން ފެށިގެންކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. 

މިއުސޫލުގެ ދަށުން ގާއިމުކުރި އެއްބަސްވުންތަކުގެ ދަށުން ދޫކުރި އަށް ބިމެއްގެ ޑިވެލޮޕްމެންޓު ހައްގުތައް ފުރަތަމަ އެއްބަސްވި ފަރާތް ނޫން އެހެން ފަރާތަކަށް ބަދަލުކުރުމުގެ އެއްބަސްވުން ހަދާފައިވާއިރު، އެގޮތަށް އެބިންތަކުގެ ހެޑް ލީޒްއާއި ތަރައްގީކުރުމުގެ ހައްގުތައް އެހެން ފަރާތްތަކަށް ބަދަލުކުރީ ކުލި ނުހިނގާ ގޮތަށް އޮންނަ އިމާރާތްކުރުމުގެ މުހުލަތު ކަމުގައިވާ 24 މަސް ފާއިތުވިތާ އެތައް ޒަމާނެއް ފަހުންކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

އެރިޕޯޓުން އެނގޭ ގޮތުގައި އެމުއްދަތު ހަމަވުމުންވެސް ބިންތައް ކުއްޔަށް ނެގި ފަރާތްތަކުން ކުލި ދައްކަން ފަށާފައިނުވެއެވެ. އަދި އެބިންތައް އެހެން ފަރާތްތަކަށް ބަދަލުކުރިއިރު އަލަށް އެބިންތައް ނެގި ފަރާތްތަކަށްވެސް 24 މަހުގެ ގްރޭސް ޕީރިއަޑެއް ނުވަތަ ކުލި ނުހިނގާ މުއްދަތެއް އައު އެއްބަސްވުންތަކުގައި ހިމަނާފައިވެއެވެ. 

އޮޑިޓު އޮފީހުން ފާހަގަކުރީ މިގޮތަށް ބިންތައް އެހެން ފަރާތަކަށް ބަދަލުކޮށްފައި ކުލި ނުނަގާ ގޮތަށް 24 މަހުގެ މުއްދަތެއް ދިނުމަކީ އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމެއް ކަމަށެވެ. 

މިގޮތަށް ބަދަލުކުރި އަށް ބިމުގެ ކުލީގެ ގޮތުގައި ފުރަތަމަ އެބިންތައް ކުއްޔަށް ނެގި ފަރާތްތަކުން ދައްކަންޖެހޭ 439،297 ރުފިޔާ ނުދައްކައި ހުއްޓެވެ. އަދި އެބިންތަކުގެ ހެޑްލީޒްއާއި ތަރައްގީކުރުމުގެ ހައްގު އެހެން ފަރާތަކަށް ބަދަލުކުރުމަށް ހެދި އެއްބަސްވުމުގެ ދަށުން އިތުރު 24 މަހު ކުލި ނުނެގުމުގެ ސަބަބުން 5.1 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. ކުރީގެ އެއްބަސްވުންތަކުގެ ދަށުން ލިބެންޖެހި ނުލިބިހުރި ފައިސާއާއި އައު އެއްބަސްވުންތަކުގެ ދަށުން ކުލި ދައްކަންނުޖެހޭ މުއްދަތު ދިނުމުން ލިބުނު ގެއްލުން އެއްކޮށްލުމުން ޖުމްލަ 5.5 މިލިއަން ރުފިޔާގެ ގެއްލުން ކައުންސިލަށް ލިބުނު ކަމަށް އޮޑިޓު އޮފީހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު