ENGLISH
21 އޭޕްރީލު 2025
އުފެއްދުންތަކުގެ މައުރަޒަށް ބޮޑު ތަރުހީބެއް؛ މިހާތަނަށް 256 ބައިވެރިންނާއެކު 4،415 އަށްވުރެ ގިނަ އުފެއްދުން
21 އޭޕްރީލު 2025
|
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު
އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި މިހާތަނަށް 256 އެޕްލިކޭޝާން ލިބިފައިވާއިރު 4415 އަށްވުރެ ގިނަ އުފެއްދުންތަށްމިހާރުވެސް ހިމެނޭނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މިހަރަކާތް އެހެން އަހަރުތަކާއި ހިލާފަށް ފުޅާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ސަބަބަށްޓަކަައި އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީ ގުޅިގެން އެ ހަރަކާތް ފުޅާ ދާއިރާއެއްގައި ހިންގުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ބާއްވާ ޚާއްޞަ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވުމަށް މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ މި ހަރަކާތް ބާއްވަން ގަސްތުކުރަނީ ހުޅުމާލެ ސެންޓަރަލް ޕާކުގައި ކަމަށާއި އެކިއެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މައުރަޒު ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ ފަރާތްތަކަށްވެސް ދައުވަތުދީގެންކަމަށެވެ.
މީގެ އިތުރުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސުންގަޑި އިތުރުކޮށް، ސަރުކާރުންވަނީ އިތުރު ފުރުޞަތުތަކެއް ހުޅުވާލައިފައެވެ. އެގޮތުން ހުޅުވާލާފައިވާ އިތުރު ފުރުސަތުތަކަށް ބަލާއިރު ބައިވެރިވާ ފަރާތްތަކަށް ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުޞަތު ފަހިކޮށްދީފައިވެއެވެ. މި ބަދަލުތަކުގެ މަގުސަދަކީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވެ، ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދިނުމަށް މަގުފަހި ކުރުމަށެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހި އުފެއްދުންތެރިންގެ މަސައްކަތް ދައްކާލުމަށް ބާއްވާ މައުރަޒެއްގެ އިތުރުން، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ފުރުސަތުތަކެއް ފަހި ކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.