ENGLISH

21 އޭޕްރީލު 2025

Advertisement

މި ސަރުކާރުން ޑިވެލޮޕްމެންޓު ބޭންކު އެއްޗަކަށް ހަދާނެ: ސައީދު

21 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ޑިވެލޮޕްމެންޓު ބޭންކު ހުޅުވައިދެއްވުމަށްފަހު ރައީސް އެތަން ބައްލަވަނީ، ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ޑިވެލޮޕްމެންޓު ބޭންކު އެއްޗަކަށް ހަދައި ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން ހިންގަން ބޭނުންވާ މަޝްރޫއުތަކާއި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ސައީދު ފާހަގަކުރެއްވީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ނުލިބުމުގެ މައްސަލައަކީ ކުރިއްސުރެ ދިވެހިރާއްޖެއަށް ކުރިމަތިވެފައި އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރުމަށް ކުރިން އެއްވެސް މަސަައްކަތެއް ނުކުރެވި އޮއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ މައްސަލަ ހައްލުކުރައްވަން ނިންމަވައި އެޅުއްވި ފިޔަވަޅަކީ ޑިވެލޮޕްމެންޓު ބޭންކު ގާއިމުކުރެއްވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ޑިވެލޮޕްމެންޓު ފައިނޭންސިންއެއް ނުލިބޭކަމަށް ހުރިހާ ޕޮލިޓީޝަަނުން ވިދާޅުވޭ. ގަވަމެންޓު ލީޑުކުރާ ހުރިހާ ބޭފުޅުންވެސް (އެވާހަކަ) ދައްކަވާ. ނަމަވެސް އަމަލީ މަސައްކަތެއް ކުރައްވަން އެއްވެސް ބޭފުޅަކު ކުރިއަކަށް ފިޔަވަޅެއް ނާޅުއްވާ. އެހެންވީމާ މިރައީސް، ރައީސް ޑރ.މުޢިއްޒު އެފިޔަވަޅު އަޅުއްވައިފި،" ސައީދު ވިދާޅުވިއެވެ. 

އިތުރަށް ސައީދު ފާހަގަކުރެއްވީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި މާލީ ބާޒާރުތަކަށް ކުރިމަތިވަމުންދާ ލޮޅުންތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އަދި މާލީ ދާއިރާއަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ޑިވެލޮޕްމެންޓު ބޭންކެއް ގާއިމުކުރެވުމަކީ ރައީސް ޑރ.މުޢިއްޒު ހިކުމަތްތެރިކަމާއި ކެތްތެރިކަމާއެކު ކުރައްވަމުންދާ މަސައްކަތްޕުޅަށް ދަލީލުކުރާ އަލިގަދަ ހެއްކެއް ކަމަށެވެ. 

ޑިވެލޮޕްމެންޓު ބޭންކަކީ ކަސްޓަމަރުންގެ އަތުން ފައިސާ ނަގައި ފައިސާ ދޫކުރާ ބޭންކެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޑިވެލޮޕްމެންޓު ބޭންކަކީ ސަރުކާރުން އުފައްދައި ބާރުވެރިކުރުވައިގެން، ބައިނަލްއަގުވާމީ މާލީ ބާޒާރަށް ނުކުމެ ރާއްޖޭގައި ހިންގަންޖެހޭ މުހިއްމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދައުލަތުގެ ސިޔާދަތީ ބާރުވެރިކަމުގެ އެހީގައި، އަދި މާލީ ބާޒާރުގެ އިތުބާރުގެ ތެރެއިން ހޯދައިދިނުމަށް ގާއިމުކުރެވިފައިވާ ބޭންކެއް ކަމަަށެވެ. 

އަދި ބޭންކުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ނުހެދި ހުރި ރިސޯޓުތަކާއި ކުރިއަށް ނުގެންދެވި ހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ބޭންކު އުުފައްދައި ލައިސެންސް ލިބި އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބޭންކުގެ މަސަައްކަތްތައް މިނިސްޓްރީ އޮފް ފިނޭންސްއިން ހަލުއިކޮށް ކުރިއަށްގެންދާކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

"ޑިވެލޮޕްމެންޓު ބޭންކު އެހުރީ ހެދިފައި. މި ސަރުކާރުން އިރާދަކުރެއްވިއްޔާ ބޭންކު އެއްޗަކަށް ހަދާނެ،" ސައީދު ވިދާޅުވިއެވެ. 

ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯ އިސްތިއުފާދެއްވި ނަމަވެސް އެ ބޭންކުގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް މަޑުޖައްސާލައިގެން ސަރުކާރުން ނޯންނާނެކަން ފާހަގަކުރައްވަމުން ސައީދު ހަަގީގީ މާނާގައި ޑިވެލޮޕްމެންޓު ބޭންކަކަށް އެ ބޭންކު ހެދުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. 

އަދި ބޭންކު ރަނގަޅު ބޭންކަކަށް ހެދުމުގެ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުންވެސް އެހީތެރިވުމަށް ގޮވައިލައްވަމުން ސައީދު އިލްތިމާސްކުރެއްވީ ރާއްޖޭގެ އިގުތިސާދީ ކުރިމަގަށްޓަކައި ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުންދީ ބިނާކުރަނިވި ހިޔާލުތައް ހިސާކުރުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު