ENGLISH

21 އޭޕްރީލު 2025

Advertisement

ކޯޓުން އަމުރެއް ދޭ ކޮންމެ ފަހަރަކު އަންނައުނު ބާލުވައިގެން ފޮޓޯ ނުނަގާނެ: ފުލުހުން

21 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

ދިވެހި ފުލުހުންގެ ޚިދުމަތް

ހަށިގަނޑުން ބޭރުގެ ސާމްޕަލް ނެގުމުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގެ ފޮޓޯ ނެގުމަށް ކޯޓުން އަމުރު ނެރޭ ކޮންމެ ފަހަރަކު އަންނައުނު ބާލުވައިގެން މުއްތަހަމުގެ ހަށިގަނޑުގެ ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫންކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. 

އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާއެއްގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް އަމާޒުކޮށް މަރިޔަމް ޒުބައިރު ދެއްކި ވާހަކައަކާ ގުޅުވައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްފުޅުން ވަނީ، މަރިޔަމަށާއި، އެމްޑީޕީގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް މަދަނީ ދައުވާތަކެއް އުފުލުމަށް ހުށަހަޅާފަ އެވެ. މި ދަނޑިވަޅުގައި ފުލުހުން ދަނީ މަރިޔަމް ޒުބައިރާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ.

ފުލުހުން ހިންގަމުންދާ މި ތަހުގީގާއި ގުޅޭ ކޯޓު އަމުރެއް އާއްމުވެފައިވާއިރު، ގިނަ ބަޔަކު ދަނީ މަރިޔަމް ޒުބައިރުގެ  ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް ބުނެފައިވާތީ ފާޑުކިޔަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ޚިދުމަތުން ކުރާ ތަހުގީގަކީ ޗިލްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހެޅުއްވި  މައްސަލައަކާ ގުޅިގެން ހިންގަމުންދާ ތަހުގީގެއްކަން ސާފުކޮށްދީފަ އެވެ. އެގޮތުން، ފުލުހުން ބުނިގޮތުގައި ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޯޓީ ނަގަން ބޭނުންވާ ނަމަ، ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލް އެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުމުގައިި ކަމަށާއި ރުހުން ނުދޭނަމަ، އެކަން ކޯޓު އަމުރެއްގެ ދަށުން ކުރެވޭނެ ކަމަށެވެ.

" މިވަގުތު މީޑިއާގައި ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޕޮލިސް ޗިޓަކީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

ހަށިގަނޑުގެ ބޭރުގެ ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓު އަމުރު ނެރޭ ހާލަތުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާންކުރަނީ ފުލުހުން ބުނިގޮތުގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށެވެ. އަދި އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން އަޅާކިޔުމަށްް ނުވަތަ އަޑަކީ ވަކި އަޑެއްކަން ދެނެގަތުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ކޯޓުން އަމުރު ދިން ނަމަވެސް، އެފަަދަ ކޮންމެ ހާލަތެއްގައި ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ފޮޓޯއާއި ސާމްޕަލް ނެގުމުގައި އެ ހިދުމަތުން އަމަލުކުރާ އުސޫލަކީ ކޮންމެ މައްސަލައެއްގައި ބޭނުންވާ މިންވަރަށް ފޮޓޯއާއި ސާމްޕަލް ނެގުންކަމަށްވެސް އެ ހިދުމަތުން ބުންޏެވެ. 

މި މައްސަލައާއި ގުޅިގެން މެޑަމް ސާޖިދާގެ ގާނޫނީ ވަކީލު އާޒިމާ ޝުކޫރު ވެސް ވަނީ ފުލުހުންގެ ތަހުގީގަކީ މިހާރު ހުށަހަޅާފައިވާ މަދަނީ ދައުވާތަކާއި އެއްވެސް ގުޅުމެއް އޮތް ތަހުގީގެއް ނޫންކަން ސާފުކޮށްދިނުމުގެ ގޮތުން ބަޔާނެއް ނެރުއްވާފަ އެވެ. އަދި އެ ތަހުގީގަކީ އެކަމަނާގެ އިސްނެގެންގެވުމުގެ މަތިން ހިންގާ ތަހުގީގެއް ކަމަށް ދޭހަވާ މޭރުމަކުން ފަތުރަމުންދާ ވާހަކަތައް ވެސް ވަނީ ދޮގުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު