ENGLISH

21 އޭޕްރީލު 2025

Advertisement

ހޯޕް އައިލެންޑާއި މައި ޖަލު ހަދާ ފަރާތަކަށް ބަދަލުގައި ދ. ވާނީއާއި ފަޅުތަކެއް

21 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން (ފޮޓޯ/ ސަރުކާރު. އެމްވީ)

ކ. އުތުރުތިލަފަޅުގައި ހުރިހާ ޖަލެއް އެއްކޮށްލައިގެން ހަދާ 'ސެންޓްރަލް ޕްރިޒަން' އާއި ކުށް ކުރާ ކުދިން ކުށުގެ މާޙައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް 'ހޯޕް އައިލެންޑް' ގެ ނަމުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ރީހެބިލިޓޭޝަން ފެސިލިޓީ އަށް އިންވެސްޓަރުން ހޯދަން ހުޅުވާލައިފި އެވެ.

އެ ދެ މަޝްރޫއުއަށް 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކޮށްފައިވާ އިއުލާނުގައި ވަނީ މި މަޝްރޫއަށް ހޭދަވާ ހަރަދުތައް ފޫބެއްދުމަށްޓަކައި ފައިދާ ވާނެ ގޮތްތަކެއް ހުށަހެޅުމުގެ ފުރުސަތު އިންވެސްޓަރުންނަށް އޮންނާނެ ކަމަށް ބުނެފަ އެވެ.

އެ ފަރާތްތަކަށް މި މަޝްރޫއު 4 ގޮތަކަށް ހިންގަން ހުށަހެޅިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.  އެއީ:

  • އެއްކޮށް ތަރައްގީކުރުމުގެ މޮޑެލް: ދ. ވާނީއާއި އެ ރަށުގެ ފަޅާއި އަދި އިތުރު ދެ ފަޅެއްގެ ބަދަލުގައި މުޅި މަޝްރޫއު އެއްކޮށް ނިންމުން (ބިން ހިއްކުމާއި އެކު އިމާރާތްކުރުން). މި މޮޑެލްގެ ދަށުން، އިންވެސްޓަރުންނަށް ވާނީގައި ހިންގާ ވިޔަފާރިތަކުން ނަގާ ޓެކްސް އަދި ކުލީގެ ރޭޓު ކުޑަކުރުމަށް އެދެވިދާނެ
  • ހަމައެކަނި އިމާރާތްކުރުން : ބަދަލުގައި ވިޔަފާރީގެ ބޭނުމަށް ފަޅުތަކެއް
  • ހައިބްރިޑް މޮޑެލް: ފަޅުތަކެއްގެ ބަދަލުގައި ބިން ހިއްކުމާއި އެކު ބައެއް ތަންތަން އިމާރާތްކުރުން
  •  އޮޕަރޭޝަނަލް މެނޭޖްމެންޓް އޮޕްޝަން: ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަވާނެ ގޮތަކަށް ރަށުގެ ބައެއް އޮޕަރޭޓްކުރުން

އުތުރުތިލަފަޅުގެ 15 ހެކްޓަރުގެ ބިމެއްގައި ގާއިމުކުރާ ހޯޕް އައިލެންޑް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންގެ ޖާގަ ހުންނާނެ ގޮތަށެވެ. ސެންޓްރަލް ޖަލު އެޅުމަށް ހަމަޖެހިފައިވަނީ 6000 މީހުންގެ ޖާގަ ހުންނާނެ ގޮތަށެވެ.  މި ދެ މަޝްރޫއު ނިންމުމަށްފަހު 2027 ވަނަ އަހަރުގެ އޮކްޓޯބަރުގެ ކުރިން ސަރުކާރާއި ހަވާލުކުރަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ 14:00 އާ ހަމަޔަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު