ENGLISH
21 އޭޕްރީލު 2025
ދިވެހި ސިފައިންނަކީ ރާއްޖެ ދިފާޢުކުރުމުގައި މަތިވެރި ޤުރުބާނީތަކެއް ވެފައި ތިބި ބައެއް: ޗީފް އޮފް ޑިފެންސް ފޯސް
21 އޭޕްރީލު 2025
|
ދިވެހި ސިފައިންނަކީ ރާއްޖެ ދިފާޢުކުރުމުގައި މަތިވެރި ޤުރުބާނީތަކެއް ވެފައިތިބި ބައެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ޤައުމަށް ކުރިމަތިވާ ކޮންމެ ކާރިސާއަކާއި ކޮންމެ ބޮޑު ކަމެއްގައި އެންމެ އިސް ސަފުގައި ޚިދުމަތްކޮށްފައި ވަނީ ސިފައިންކަން ޗީފް އޮފް ޑިފެންސް ފާހަގަކުރެއްވިއެވެ.
ސިފައިންގެ ތާރީޚަށް ބައްލަވާލައްވާ، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހަކީ 21 އޭޕްރިލް އަކީ 1892 ވަނަ އަހަރު ސިފައިންގެ ޚިދުމަތް ފެށިގެންދިޔަ ދުވަސް ކަމަށް ބަލައިގެން، 1992 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވެމުން އަންނަ ދުވަހެއް ކަމަށެވެ. ނަމަވެސް އޭގެ ކުރިން 1942 ވަނަ އަހަރުން ފެށިގެން ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވުނީ 6 ޖޫން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. ނަމަވެސް 1892 ވަނަ އަހަރުގެ ކުރިންވެސް ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށް ސިފައިން ވަނީ މަތިވެރި ޤުރުބާނީތަކެއް ވެފައި ކަމަށާއި ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ކުރެވުނު ހަނގުރާމަތަކުގައި އެތަކެއް ސިފައިންނެއް ޝަހީދުވެފައިވާ ކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. އަދި، މިއަދުވެސް ސިފައިންގެ ހަށިތަކުގައި ހިނގަނީ އޭރުވެސް ހިނގި ޤައުމީ ޖޯޝުން ފުރިފައިވާ ލޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކކުފާނު އިތުރަށް ވިދާޅުވީ ސިފައިންނަކީ، ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެތިބެ، ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި 24 ގަޑިއިރު އަބަދުވެސް ތައްޔާރަށް ތިބި ބައެއްކަމަށާއި، ސިފައިން އަބަދުވެސް މަސައްކަތް ކުރާނީ 24 ގަޑިއިރު ޚިދުމަތުގައި ދެމިތިބެން ޖެހޭނެކަން ގަބޫލުކޮށްގެން ކަމަށެވެ. އަދި އެގޮތުގެ މަތީގާއި ސާބިތުވެ ތިބުމަށް އެމަނިކުފާނު، ސިފައިންނަށް ނަސޭހަތްތެރިވެލެއްވިއެވެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ވިދާޅުވީ، އެ މަސައްކަތްތަކުގެ ނަޖީތާއް މިހާރު ފެންނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި މި ރިޔާސީ ދައުރުގައި ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނައިރު، އެކަމުގެ ފޮނި ނަތީޖާ ފެނި، ސިފައިންނަކީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަމަށް ބޭނުންނުވާ، އެކަން ކުރުމުގައި އަމިއްލަ ބާރުހުރި ބަޔަކަށް ވެގެންދާނެކަމަށެވެ.
އެމަނިކުފާނު މިބީދައިން ވާހަކަދައްކަވާފައިވާއިރު ދާދިފަހުން ތުރުކީވިލާތުން، މިސައިލު ފޮނުވޭ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައި ވެއެވެ. އަދި ސިފައިންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދުމަށްވެސް ގިނަގުނަ މަސައްކަަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ ދިވެހިރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުން ފެށިގެން ދާހިލީ ސަލާމަތުގެ ކަންކަން ކަށަވަރުކުރުމުގެ ފުރިހަމަ ގާބިލުކަން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ހޯދައިދެއްވުމެވެ. އެކަމަށްޓަކައި ސިފައިންގެ ވައިގެ ބާރު އުފައްދަވައި އެ ބާރަށް ޒަމާނީ ފެންވަރުގެ ހަނގުރާމަމަތީ ޑްރޯނުތައް ތުރުކީވިލާތުން ހޯއްދަވާދެއްވާފައިވެއެވެ.