ENGLISH
21 އޭޕްރީލު 2025
ދިފާއީ ގާބިލުކަން އިތުރުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ޣައްސާންގެ ޝުކުރު
21 އޭޕްރީލު 2025
|
ދިފާއީ ބާރުގެ ގާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސް ކޮށްދެއްވާ މަސައްކަތްޕުޅަށް ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވާކަމަށް ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ދިފާޢީ ވަޒީރު ވިދާޅުވީ، ސިފައިންގެ އެންމެ މަތީވެރިޔާ، ދިވެހިރާއްޖޭގެ އިއްްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށާއި ސިފައިންގެ ލީޑާޝިޕް އަދި ހިތްވަރުގަދަ ދިވެހި ސިފައިންނާއި އާއިލާތަކަށް 133 ވަނަ ސިފައިންގެ ދުވަހުގެ ތަހުނިޔާ ހިތުގެ ފުންމިނުން ދަންނަވާކަމަށެވެ.
ވަޒީރު ވިދާޅުވީ ދިފާޢި ބާރުގެ އަސްކަރީ ގާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސް ކޮށްދެއްވާ ބުރަ މަސައްކަތްޕުޅަށް ދިވެހި ސިފައިންގެ ނަންފުޅުގައާއި މިނިސްޓްރީ އޮފް ޑިފެންސްގެ ނަމުގައި އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވާކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާ އަކާއި ސިފައިންގެ ލަވައިންނެވެ. 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތު، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ކުރިއަށް ގެންގޮސްފައެވެ.