ENGLISH
10 މޭ 2025
ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، މިނިވަންކަމަކަށް އިރުއޮއްސުމެއް ނެތް: ރައީސް
21 އޭޕްރީލު 2025
|
ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު އަދި ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް އިރުއޮއްސުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ފޮނުއްވައި ރައީސް ޑރ. މުޢިއްޒު މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގަ ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތުގައި އެކި މިސްރާބަށް ކަންކަން އެނބުރެމުން މިދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިން ކަމަށެވެ.
"ދިވެހި ޤައުމީ ދިފާޢީ ބާރުގެ ނުގުޑާ ޢަޒުމާއި، ދެގޮތެއް ނުވާ ސާބިތުކަމާއި، ޤައުމީ ލޯބީގެ ރީތި ނަމޫނާއަށް ފަޚުރުވެރިވަމުން، ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ޢަސްކަރިއްޔާގެ ބަދަހި ލަޝްކަރަށާއި، ސިފައިންގެ ޢާއިލާތަކަށް، އަދި ވޭތުވި މާޒީގައި މި މުއައްސަސާގައި މަސައްކަތްކޮށްދެއްވާފައިވާ ހުރިހާ ޚިދުމަތްތެރީންނަށް، ސާބަހާއި ޝުކުރުގެ ބަސްތަކާއެކު ދަންނަވަމެވެ." ރައީސްގެ ޚިޠާބުގަ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކިޔާފައިވީ ނަމަވެސް، މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ރުކުރުވާލާފައިވާ ލަޝްކަރު ކަމަށެވެ. އަދި އެއީ މިއަދު މި ނަންކުރާ ދިވެހި ޤައުމީ ދިފާޢީ ބާރު، ނުވަތަ ދިވެހި ސިފައިން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސިފައިން، އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހަމައެހެންމެ ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިފަދަ ކޮންމެ ޚުޠޫރަތްތެރި ވަގުތަކުވެސް، "ޤައުމުގެ ޙައްޤުގައި ހޭވައްލާ ތައްޔާރު"ވެ ޚިދުމަތަށް އަވަސްވެގަތީ ދިވެހި ސިފައިންނެވެ. ކޮންމެ ކަންބޮޑުވުމަކުން ރައްޔިތުން ދަފަރާކުރުމަށް، އެއްގަމާއި ކަނޑާއި ވައިގެތެރޭގައިވެސް 24 ގަޑިއިރު ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން ދަނީ ދިވެހި ސިފައިންނެވެ." ރައީސް ވިދާޅުވި އެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް މިއަދު ވަނީ އެެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރައްވަައި ވެސް ދުވަހުގެ ތަހްނިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުން ކަމަށާއި ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމަށެވެ.
"މާތްވެގެންވާ އިސްލާމްދީނާއި، މި ވަޠަނުގެ މުސްތަޤިއްލުކަމުގެ ޙައްޤުގައި ދިވެހި ސިފައިން އެ ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލައްވާށި. ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ޙާޞިލްކުރުމަށް މިކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރައްވާށި. މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި. އާމީން." ރައީސް ވިދާޅުވިއެވެ.