ENGLISH
10 މޭ 2025
އެއްބުރުން ރިޔާސީ އިންތިޚާބު ނިންމުމަކީ އެންމެ ޤާބިލު މީހާ އިންތިޚާބު ކުރުމަށް ލިބޭނެ ފުރުޞަތެއް: ޑރ. ޝަހީމް
21 އޭޕްރީލު 2025
|
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެއްބުރުން ރިޔާސީ އިންތިޚާބު ނިންމުމަކީ އެންމެ ޤާބިލު އެކަށީގެންވާ މީހާ ވެރިކަމަށް އިންތިޚާބު ކުރުމަށް ލިބޭނެ ފުރުޞަތެއް ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްބުރުން ރިޔާސީ އިންތިޚާބު ނިންމުމަކީ އެންމެ ޤާބިލު އެކަށީގެންވާ މީހާ ވެރިކަމަށް އިންތިޚާބު ކުރުމަށް ލިބޭނެ ފުރުޞަތެއް ކަމަށާއި މިކަމަކީ ވަގުތު ސަލާމަތްވުމާއި މާލީގޮތުން ވެސް ބުރަ ކުޑަ ގޮތެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނާއި ދައުލަތުގެ މަޞްލަޙަތު އެކަމުގައި އޮތްކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ލިޔުއްވާފައިވެއެވެ.
ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ޕޯސްޓް
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާ ގުޅޭގޮތުން އާއްމުންގެ ހިޔާލުހުރި ގޮތް ބެލުމަށް، ރައްޔިތުންގެ ވޯޓެއް ބޭއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހާމަކުރައްވާފަ އެވެ. ރައީސް އެދުވަހު ވިދާޅުވި ގޮތުގައި މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ވެސް ދަނީ އެކަމުގެ ދިރާސާތައް ކުރަމުންނެވެ.
ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ޕޯސްޓް
މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަކީ ވެސް ނިޒާމީ ހެޔޮ ބަދަލެކެވެ. ރާއްޖޭގެ ސިޔާސީ ނިޒާމުގައި އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ޒަމާނާއި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ނިޒާމީ ބަދަލުގެނައުމަކީ ދައުލަތުގެ މަތީ މަޞްލަޙަތު އެކަމުގައި އޮތްކަމެއް ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބު މިހާރު ބާއްވާ ގޮތް ބަދަލުކޮށް، ޕްރިފެރެންޝަލް ނިޒާމަކަށް ވޯޓު ނެގުމުގެ ކަންކަން ބަދަލުކުރުމަށް ރައީސް ޑރ.މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ވަނީ ތާއީދުކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ވާހަކަ އަނެއްކާވެސް ވަނީ ސޯޝަލް މީޑިއާގައި ގަދަވެފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ދެވަނަ ބުރު އުވާލުމަށް "ޕްރެފެރެންޝަލް ވޯޓިން" ހޭޝްޓެގަކާއެކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ކުރައްވަމުން ނެވެ.