ENGLISH
09 މޭ 2025
ޑރ. ޞަލާޙުލްބުދައިރު: ދީނަށް ޚިދުމަތްކުރުމުގައި ނަމޫނާއެއް
21 އޭޕްރީލު 2025
|
ޑރ.ޞަލާޙުލްބުދައިރު، މަސްޖިދުއް ނަބަވީގައި ޚުޠުބާދެއްވަނީ-- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
މަދީނާގެ މާތްވެގެންވާ ހަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު އަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި ޢާލިމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަން މަޝްހޫރު ބޭފުޅެކެވެ. އެފަދަ ވަރުގަދަ އިސްލާމީ ޝަޚުޞިއްޔަތެއް ރާއްޖެ ވަޑައިގަތުމަކީ ދިވެހިންނަށް ވެސް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި، މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވަން، ސަޢުދީ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވިކަން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިއީ 40 އަހަރަށްފަހު، ޙަރަމްފުޅެއްގެ އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ޑރ. ޞަލާޙުލްބުދައިރަކީ ޚުލްޤުފުޅު ހެޔޮ، ހިތްތިރި މިޒާޖެއްގެ ބޭފުޅެކެވެ. ވަރަށް ޒުވާން ޢުމުރުފުޅުން ފައްޓަވައިގެން ދީނީ ތަޢުލީމު އުނގެނިވަޑައިގެން، ދީނަށް ޚިދުމަތްކުރެއްވުމަށް ލޯބިކުރެއްވި، އަދި މިހާރުވެސް ދީނަށް އެތަކެއް މުހިންމު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޒުވާން ޢުމުރުފުޅުގައި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އެމަނިކުފާނަކީ އިމާމެއް އަދި ޚަޠީބެއްގެ އިތުރުން މަދީނާ ހައިކޯޓުގެ އަޙްވާލުއް ޝަޚްޞިއްޔާ (ޢާއިލާއާބެހޭ ޤާނޫނު) ޑިވިޝަންގެ ޤާޟީއެއް ވެސް މެއެވެ.
ޤާޟީއެއްގެ ޙައިޞިއްޔަތުން ދުކްތޫރް އަކީ ޙިކްމަތްތެރިކަމާއި އިންސާފާއެކު މައްސަލަތަކުގައި އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް ޙުކުމް ކުރެއްވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. މީގެ އިތުރުން ދުކްތޫރްގެ ޚުޠުބާތަކަކީ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އަޚުވަންތަކަން އާލާކުރުމާއި، ޤުރްއާނާއި ސުންނަތުގައިވާ ހަމަތަކާއި އުސޫލުތަކުގައި ހިފެހެއްޓުމަށް ގޮވާލާ، ޢިބުރަތްތެރި، ފަޞާޙާތްތެރި ޚުޠުބާތަކެކެވެ.
ދުކްތޫރްގެ ތަޢުލީމީ ޙަޔާތްޕުޅަށް ބަލާލާއިރު، މަދީނާގެ ޖާމިޢާ އިސްލާމިއްޔާއިން އިސްލާމީ ޝަރީޢާގެ ދާއިރާއިން ތަޢުލީމު ޙާޞިލްކުރެއްވިއެވެ. މަދީނާގައި ތަޢުލީމު ޙާޞިލްކުރެއްވިއިރު އެމަނިކުފާން ހޯއްދެވި ކާމިޔާބީތަކާއި އިސްލާމީ ފިޤުހުގެ ދާއިރާގައި ގެންގުޅުއްވި ހަރުދަނާ ވިސްނުންފުޅު ވެގެންދިޔައީ އެމަނިކުފާނަށް ޤާޟީކަން ލިބިވަޑައިގަތުމުގެ އަޞްލަށެވެ. އަދި އޭގެފަހުން 2023 ވަނަ އަހަރު އެމަނިކުފާން ވަނީ އަލް އަޙްސާގައި ހުންނަ ޖާމިޢާ އަލް-މަލިކް ފައިޞަލް އިން ޑިސްޓިންކްޝަނާއެކު އިސްލާމީ ފިޤުހުން ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.
ދުކްތޫރްގެ ހިތްގައިމު ކިޔަވަައިވިދާޅުވުން އެންމެ ފުރަތަމަ އިވެން ފެށީ ދައްމާމްގެ މިސްކިތްތަކުންނެވެ. އޭގެފަހުން ރިޔާޟްގެ މިސްކިތްތަކުން ވެސް އެމަނިކުފާންގެ ކިޔަވައިވިދާޅުވުން އިވިގެންދިޔަ އެވެ. މަސްޖިދުއްނަބަވީގެ އިމާމްކަން ލިބިވަޑައިގަތީ 1419ހ (1998މ) ގައެވެ. އެހާހިސާބުން އަދި އޭގެފަހުން 1426ހ އަދި 1427ހ (2006މ އަދި 2007މ) ގައި މަސްޖިދުލް ޙަރާމްގައި އިމާމްވެވަޑައިގެން ތަރާވީޙް ނަމާދު ކުރެއްވުމުގެ ޝަރަފު ހޯއްދެވިއެވެ.
ޑރ. ޞަލާޙުލްބުދައިރު ފާހަގަކުރެވިފައިވަނީ އެއިރެއްގެ ޙާލަތާއި ގުޅުވައިގެން ޖަހުރުކޮށް ކިޔަވާ ނަމާދުތަކުގައި ކިޔަވާވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން ދުކްތޫރް ކިޔަވާވިދާޅުވާ އާޔަތްކާމެދު ވިސްނަން ފަސޭހަކަން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. ޢަލީ ޒާހިރު ވެސް ފާހަގަކުރައްވާފައިވެއެވެ.
"ފަޟީލަތުއްޝައިޚު ޑރ.ޞަލާޙުލް ބުދައިރު އަކީ އަޅުގަނޑުމެން މަދީނާގައި ކިޔަވަން އުޅުނު އިރު އެންމެ ފާހަގަކޮށްލެވޭ ނަބަވީ އިމާމް. ފާހަގަކުރެވުނު ތަފާތުކަމަކީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ޝައިޚް ތިލާވަތު ކުރައްވާ އާޔަތްތަކާ އެއިރެއްގެ ޙާލަތާ ގުޅުވާކަން. އެހެންވެ ޝައިޚް ނަމާދުކުރައްވާ ދުވަހެއް ވިއްޔާ ވިސްނާލެވޭ ކިޔަވާ އާޔަތްތަކާ މެދު،" ޑރ. ޢަލީ ޒާހިރު ވިދާޅުވިއެވެ.
ޑރ. ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގަތުމުން، ރާއްޖޭގެ ދީނީ ކަންކަން ކުރިއަރާނެ ކަމަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ ވިދާޅުވިއެވެ. ޑރ. ޞަލާޙުލްބުދައިރުގެ މި ޒިޔާރަތުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށާއި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެއިތުރުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ޒުވާން ޚަތީބުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.