ENGLISH
20 އޭޕްރީލު 2025
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަައިފި
20 އޭޕްރީލު 2025
|
ރައީސް ޤައުމީ އިނާމު ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުުރުސަތު ޤައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
މިއަދުން ފެށިގެން އަންނަ މޭ މަހުގެ 19 ވަނައަށްވާ ބުރާސްފަތި ދުވަހާ ހަމައަށް ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި ކުރިން ޤައުމީ އިނާމު ދެމުން އައި ދާއިރާތަކުގެ އިތުރަށް އައު ދާއިރާއަކުން ޤައުމީ އިނާމު މި އަހަރު ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން ޕެޓިޝަރީ އެންޑް ބޭކިން ދާއިރާއިން މި އަހަރު ޤައުމީ އިނާމު އަލަށް ދޭން ފަށާއިރު، އެ ދާއިރާއިން އިނާމު ދިނުމުގައި ބަލާ ރޮނގުތަކުގެ ތެރޭގައި ކޭކު އެޅުމާއި، ކޭކު ޑެކަރޭޓުކުރުމުގެ ފަންނު ކުރިއެރުވުމާއި ޕޭސްޓްރީއާއި ތަފާތު ފޮނި ކާތަކެތި އުފެއްދުން ހިމެނޭނެއެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. މީގެ ތެރެއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި އައްޑަނަައަކާއި ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް ރައީސް ދެއްވާނެއެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެއް ދެއްވާނެއެވެ.
ޤައުމީ އިނާމަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅޭނެއެވެ. އަދި ފޯމު ފުރުމަށްފަހު ލިޔެކިޔުންތަކާއެކު ރައީސް އޮފީހުގެ ރިސެޕްޝަނަަށްވެސް ހުށަހެޅޭނެއެވެ.
ޤައުމީ އިނާމު ދެއްވުން އޮންނަނީ ޤައުމީ ދުވަސް އިހުތިފާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގައެވެ.