ENGLISH
20 އޭޕްރީލު 2025
ޕްރެފަރެންޝަލް ވޯޓަކަށް ދާން ރައީސް ނަޝީދުގެ ވެސް ތާއީދު
20 އޭޕްރީލު 2025
|
ކުރީގެ ރައީސް މުހައްމަދު ނަޝީދު (ފޮޓޯ/ ގާފު)
ރިޔާސީ އިންތިހާބު މިހާރު ބާއްވާ ގޮތް ބަދަލުކޮށް، ޕްރެފަރެންޝަލް ނިޒާމަކަށް ވޯޓު ނެގުމުގެ ކަންކަން ބަދަލުކުރުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާ ގުޅޭގޮތުން އާއްމުންގެ ހިޔާލުހުރި ގޮތް ބެލުމަށް، ރައްޔިތުންގެ ވޯޓެއް ބޭއްވުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު ވަނީ މިދިޔަ ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހާމަކުރައްވާފަ އެވެ. ރައީސް އެދުވަހު ވިދާޅުވި ގޮތުގައި މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ވެސް ދަނީ އެކަމުގެ ދިރާސާތައް ކުރަމުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ވާހަކަ އަނެއްކާވެސް ވަނީ ސޯޝަލް މީޑިއާގައި ގަދަވެފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ދެވަނަ ބުރު އުވާލުމަށް "ޕްރެފެރެންޝަލް ވޯޓިން" ހޭޝްޓެގަކާއެކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ކުރައްވަމުން ނެވެ.
މިކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު، އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރައްވަމުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕްރިފަރެންޝަލް ވޯޓާއި އެކު ނަމަ އެއް ބުރުން ވޯޓުލައިގެން ސަރުކާރެއް އުފައްދާ އުސޫލަށް ތާއީދުކުރައްވާ ކަމަށެވެ.
ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ދާން ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އެ ބަދަލާ އެކު ރިޔާސީ އިންތިހާބުގެ ދެ ބުރަށް މިލިއަނުން ކުރާ ހަރަދުތައް ސަލާމަތްވެ، މެޖޯރިޓީ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްކަން އެނގިގެންދާނެ އެނގިގެންދާނެ އެވެ.