ENGLISH

20 އޭޕްރީލު 2025

Advertisement

ވަޒީރު ގަބޫލުކުރައްވަނީ ނަބަވީގެ އިމާމު ވަޑައިގެންނެވުމުން ރާއްޖޭގެ ދީނީ ކަންކަން ކުރިއަރާނެ ކަމަށް

20 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

އިސްލާމިކް މިނިސްޓަރ ޝަހީމް މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ އިސްލާމިކް މިނިސްޓްރީ)

މަދީނާގެ މުޤައްދަސް ޙަރަމްފުޅު އަލްމަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ވަޑައިގެންނެވުމުން، ގައުމުގެ އިސްލާމީ ކަންކަން ހަރުދަނާވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިމާމު ސަލާހުލްބުދައިރު ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

އިމާމު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުފުޅާ ގުޅިގެން ނޫސްވެރިންނަށްް މައުލޫމާތު ދެއްވަމުން ވަޒީރު ޝަހީމް ވަނީ މިދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްްޔަތު ވަރުގަދަކޮށް ހަރުދަނާކުރެއްވުމަށްޓަކައި ސަރުކާރުންް ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެބވޭ އެއް މަސައްކަތް ކަމަށް ވިދާޅުވެފަ އެވެ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި ‏މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެއަށް ވަޑައިގެންނެވުމަކީ އެ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.

"އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކުރިއެރުން އަންނާނެ. އަދި ސައުދީ އަރަބިއްޔާގެ އިސްލާމީ އިދާރާ އާއިި ދެ ހަރަމްފުޅާއި ދިވެހިރާއްޖެއާ އޮތް ގުޅުން ވަރުގަދަ ވެގެންދާނެ،" ވަޒީރު ވިދާޅުވި އެވެ.

މިގޮތަށް ވަޒީރު ގަބޫލުކުރައްވާ އެއް ސަބަބަކީ، އިމާމު ރާއްޖެ ވަޑައިގެން، ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވުމެވެ. އެގޮތުން:

  • އަންނަ ބުދަ ދުވަހު ސަލްމާން މިސްކިތުގައި އިމާމުވެ މަޣްރިބު ނަމާދާއި އިޝާ ނަމާދު ކުރައްވާނެ
  • އަންނަ ބުރާސްފަތި ދުވަހު އިިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދުކުރައްވާނެ
  • އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ދަރުހެއް ދެއްވާނެ
  • ޖެހިގެން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނެ
  • ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާނެ
  • އިސްލާމިކް މިނިސްޓްރީ، އިސްލާމިކް ޔުނިވާސިޓީ އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒަށް ޒިޔާރާތްކުރައްވާނެ
  • ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ޒުވާން ޚަތީބުންނާއި އިމާމުންނާއި ބައްދަލުކުރައްވާނެ
  • ސްކޫލްތަކާއި ގުޅިގެން ދަރިވަރުންނާއި އެކު ބައްދަލުވުންތައް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން

މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޙަރަމްފުޅެއްގެ އިމާމަކު އެންމެ ފަހުން ރާއްޖެ ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.

މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވައެވެ. އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.

މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. 






ކިޔުންތެރިންގެ ހިޔާލު