ENGLISH

20 އޭޕްރީލު 2025

Advertisement

ދުބާއީގެ ޓެކްސީތަކުގައި ރާއްޖެ އިސްތިހާރު ކުރަނީ

19 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހިމް ޝިޢުރީ އެމްއެމްޓީވީއަށް އިންޓަރވިއު ދެއްވަނީ. --ފޮޓޯ:އެމްއެމްޓީވީ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުބާއީގެ ޓެކްސީތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ފެންނާނެ ގޮތަށް މާކެޓިންގ ކެމްޕެއިނެއް ފެށުމަށް ނިންމައިފިއެވެ.  

އެމްއެމްޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވީ، ދުބާއީގައި މި މަހު 28 ވަނަ ދުވަހު ފަށާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ކުރިޔަށްދާ ދުވަސްވަރު ދުބާއީގެ 100 ޓެކްސީއެއްގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަގޮތަށް އިސްތިހާރު ކުރާނެ ކަމަށެވެ. އަދި އޭޓީއެމް ކުރިޔަށްދަނީ ހަތަރު ދުވަހުގެ މުއްދަތަކަށް ކަމުގައިވިޔަސް ދުބާއީގެ ޓެކްސީތަކުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތް އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާނެ ކަމަށް ވެސް ޝިޢުރީ ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގެ ޓެކްސީތަކުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތުގެ ތެރެއިން--ފޮޓޯ:އެމްއެމްޕީއާރުސީ

ދުބާއީގެ ޓެކްސީތަކުގައި ކުރާ މި އިސްތިހާރުތަކުގައި، ދާދިފަހުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީއާއެކު ޕާޓްނާޝިޕެއް ގާއިމްކުރި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުލަބު ލިވަޕޫލްގެ ކުޅުންތެރިންގެ ފޮޓޯ ބޭނުން ކުރެވޭނެ ކަމަށް ވެސް ޝިޢުރީ ވިދާޅުވިއެވެ.

ދުނިޔޭގެ 160 އަށްވުރެ ގިނަ ގައުމަކުން ބައިވެރިވާ މި ޓްރެވަލް ފެއަރ ކުރިޔަށްދާ ދުވަސްވަރުން ފެށިގެން، މަސްދުވަހުގެ މުއްދަތަކަށް 100 ޓެކްސީއެއްގައި ރާއްޖޭގެ އިސްތިހާރުތައް ކުރުމުން މިކަމުގެ ފައިދާތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ކަމަށް ޝިޢުރީ ވިދާޅުވިއެވެ.

"4600 އަށްވުރެ ގިނަ އެގްޒިބިޓަރުން ޖަމާވާ ސަރަހައްދެއްގައި ރާއްޖޭގެ ބްރޭންޑިންގ އެކި އެކި 100 ޓެކްސީގައި ފެނިގެންދިޔުމަކީ ރާއްޖޭ ވަރަށް ބޮޑަށް އިސްތިހާރު ވެގެންދާނެކަމެއް. މިކަމުގެ ސަބަބުން ފެއާރ ކުރިޔަށްދާ ދުވަސްވަރު ގިނަބައެއްގެ ލޯތައް ރާއްޖެއަށް އަމާޒުވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ އަޅުގަނޑުމެންގެ އަމާޒު" - އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ 

މި އަހަރު މާޗު މަހު ޖަރަމަނުވިލާތުގެ ބާލިންގައި ކުރިޔަށްދިޔަ އައިޓީބީ ފެއަަރގެ ދުވަސްވަރު، އެގައުމުގައި ވެސް 200 ޓެކްސީއެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ހިންގައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މި ކާމިޔާބީތައް އެންމެ ބޮޑަށް ފާހަގަވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތަން ފެންނާާތީއެވެ.

ކިޔުންތެރިންގެ ހިޔާލު