ENGLISH

09 މޭ 2025

Advertisement

ގާފަރު މޫދު އުނދޯލި: ވަށައިގެން މަހާއި މިޔަރު ނަށައި ނަގަނީ!

19 އޭޕްރީލު 2025

|

އަހުމަދު ސައީދު

ކ. ގާފަރު މޫދު އުނދޯލި ކަރިއިއަށް މީހަކު ފީނަނީ: މި އުނދޯލި ހުންނަނީ 15 ފޫޓު ފުނުގައި-- ފޮޓޯ/ ވާސިފް

މާލެ އަތޮޅު ގާފަރުގެ މޫދަށް ފަރިތަކުދިންނާއި އެ ރަށަށްދާ ޓޫރިސްޓުން މަސްތަކާއި މިޔަރުތަކާއެކު މޫދު އަޑީގައި އުނދޯލި ހެއްލާ ވީޑިއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އެހެން ރަށްރަށުގައި މޫދުގައި އުނދޯލި ބަހައްޓާފައި ހުންނަ ގޮތާއި މުޅިން ތަފާތުކޮށް، މާލެ އަތޮޅު އުތުރުގައި "ގާފަރު"ގެ ނަން، ލިޔެ އުނދޯލި ބަހަޓާފައިވަނީ ފަނަރަ ވަރަކަށް ފުޓޫ ފުން ހިސާބުގައި ގިނަ އަދަދެއްގެ މަހާއި މިޔަރު ޖަމާވާ ޕޮއިންޓެއްގައެވެ. މަސްވެރި ގާފަރުގައި މިކަން ކޮށްފައިވަނީ، އެރަށުގައި ގެސްޓުހައުސް ހިންގާ ފަރާތްތަކުން އިސްނަގައިގެން މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. 

އެމްއެމްޓީވީ އަށް ލިބިފައިވާ ގާފަރުގެ މޫދު އުނދޯލީގެ ބައެއް ވީޑިއޯތަކަށް ބަލާއިރު، 10 ވަރަކަށް އަހަރުގެ ކުއްޖެއް މާސްކު އަޅައިގެން ފީނާލާފައި ގޮސް އުނދޯލީގައި ހަމަޖެހިލައިގެން އިށީންނަ މަންޒަރު ފެނެއެވެ. އުނދޯލީގައި މީހަކު އިށީނދެގެން އިނދެ މަސްތަކަށް ކާންދޭއިރު، އޭނާ ނުފެންނަ ވަރަށް މަސްތައް ޖަމާވާ ތަނާއި، ފައި ކައިރީގައި ހައެއްކަ މިޔަރު ދުވާ މަންޒަރު ވެސް އެހެން ވީޑިއޯއަކުން ފެނެއެވެ. 

ކ. ގާފަރު މޫދު އުނދޯލީގައި ކުޑަ ފިރިހެން ކުއްޖެއް ހަމަޖެހިލައިގެން-- ފޮޓޯ/ ވާސިފް

މިހާރު 11 ގެސްޓުހައުސް ހިންގާ ގާފަރަށް އަންނަ ޓޫރިސްޓުންނަށް ޚާއްސަކޮށް، އެ ރަށުން ފަސް ވަރަކަށް މިނިޓުން ފޯރާ ހިސާބު ފަޅު ތެރޭގައި މި އުނދޯލި ބެހެއްޓީ، ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. 

"ކުރިން ވަރަށް ދުުރުގައި އޮންނަ ޝާކް ޕޮއިންޓަކަށް ޓޫރިސްޓުން ގެންދަން މި ޖެހެނީ. އެތަނަށް އަގު ވެސް ނަގާ. އެހެންވެ ފަޅު ތެރޭގެ އެއް ތަނަކަށް މިޔަރުތައް ޖަމާވާ ގޮތަށް ހަދާފައި އެތަނުގައި އުނދޯލި މި ބޭންދީ. އެ ފެންނަނީ ނުރައްކާތެރި މިޔަރެއްނޫން،" ގާފަރުގައި ގެސްޓުހައުސްއެއް ހިންގާ އަޖުލާން ރަޝާދު ބުންނެވެ.

އަޖުލާން ބުނި ގޮތުގައި، ދަގަނޑުން ހަދައި ކޮންކްރީޓް ބުޑު ޖަހައި ފައްތާފައިވާ އުނދޯލި ވަރަށް ގިނަ އަހަރު ހަލާކުނުވެ ހުންނާނެއެވެ. އޭނާ ބުނީ މޫދު އުންދޯލި ބޭނުންކުރުމަކަށް ޓޫރިސްޓުންގެ އަތުން ފީއެއް ނުނަގާނެ ކަމަށެވެ. 

"މިރަށުގައި އުޅޭ ކުދިން މޫދަށް ވަރަށް ފަރިތަވާނެ. އެކުދިން ވެސް އަދި ޓޫރިސްޓުން ވެސް މިތަނަށް ވަރަށް ގަޔާވޭ،" އޭނާ ބުންޏެވެ.

ކ. ގާފަރު މޫދު އުނދޯލި ކައިރީ މިޔަރުތަކެއް ފީނަނީ. -- ފޮޓޯ/ ވާސިފް

މާލެ އަތޮޅުގައި، އެހެން ރަށްތަކާއި ގުދުރަތީ ގޮތުން ވަކިން އޮންނަ ގާފަރަކީ ކުޑަ ރަށެކެވެ. ނަމަވެސް އެއީ 35 ހެކްޓަރަށް ވުރެ ބޮޑު، ގުދުރަތީ ދިރުންތަކުން މުއްސަނދި ގާފަރު ފަޅުގައި އޮތް ހަމައެކަނި ރަށެވެ. އިހު ޒަަމާނުންސުރެ ކަނޑުފޭރޭ މީހުންގެ އުޅަނދުފަހަރު ގާފަރު ފަރަށް އުރިފައިވާއިރު، ޝިޕްރެކްތައް ވެސް އެ ސަރަހައްދުގައި ހުރެއެވެ. 

ރާއްޖޭގައި އެންމެ ބާރުމިނުގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަަ ގާފަރުގައި 16 ކޮޓަރި 20 ކޮޓަރި ހުންނަ ބޮޑެތި ގެސްޓުތައް ވެސް މިހާރު އެބަހުއްޓެވެ. ޓޫރިޒަަމް އިންޑަސްޓްރީން މާލެ އަތޮޅުގެ "ޖަވާހިރު" ގެ ގޮތުގައި ގާފަރު ސިފަކުރެއެވެ.

ގާފަރު ފަޅުގައި ޕްރައިވެޓް އައިލެންޑާއި ލަގްޒަރީ ރިސޯޓް ތަރައްގީކޮށް، ޓޫރިޒަމްގެ ބިޔަ މަޝްރޫއަކަށް 16 ރަށެއް ހިއްކަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން މިދިޔަ އަހަރު ނިންމިއެވެ. 

ކިޔުންތެރިންގެ ހިޔާލު