ENGLISH

19 އޭޕްރީލު 2025

Advertisement

ޝިޔާމުގެ ރައްދު؛ ވެރިކަމަކީ ގަދައަޅައި މަސައްކަތްކުރާ ބަޔަކަަށް މާތްﷲ ދެއްވާ އެއްޗެއް

19 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު، ފޮޓޯ: އަވަސް

ވެރިކަމަކީ ހެޔޮ ނިޔަތުގައި ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް މާތްﷲ މިންވަރުކުރައްވާ ކަމެއް ކަމުގައި ވިދާޅުވެ އިދިކޮޅު ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ގުޅުވައިގެން ދައްކާފައިވާ ވާހަކައަކަށް ފިޝަރީޒް އެންޑް މެރިން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމު ރައްދުދެއްވައިފިއެވެ. 

ޝިޔާމު މިފަދައިން ރައްދުދެއްވީ ދާދިފަހުން ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ރައީސަށް ސުވަރުގެ ހަރާމްވާނެ ކަމުގައި ދޭހަވާ ގޮތަށް ކުރީގެ ނައިބުރައީސް އަހްމަދު ޖަމީލު މުހައްމަދު ދެއްކެވި ވާހަކަފުޅަކާއި، ރައްޔިތުން އެދެނީ ރައީސް އަވަހާރަވުމަށް ކަމުގައި ދޭހަވާ ގޮތަށް ޕީއެންއެފްގެ އެކްޓިވިސްޓަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ. 

އެ ވާހަކަތަކަށް ރައްދުދެއްވަމުން ޝިޔާމު ވިދާޅުވީ އެ ވާހަކަތަކަކީ ސިޔާސީ ވިޔަސް ފުކެއް ބޮޑުވަރު ކަމަށެވެ. "ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލައި، ދުނިޔެ ރަސްވެފައި" ތިބެނީ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. 

އިތުރަށް ޝިޔާމު ވިދާޅުވީ ކޮންމެ ރެޔަކު އަވަހާރަލައްޕަވާއިރު 2023 ގައި ރައްޔުތުން އިންތިހާބުކުރެއްވި ވެރިޔަކީ ޑރ.މުއިއްޒޭ ހިތްޕުޅަށް ގެންނެވުމުން "ބޮޑުތަނުން ރަނގަޅުވާނެ" ކަމަށެވެ. އަދި ވެރިޔަކަމަކީ ހެޔޮނިޔަތުގައި ގަދައަޅައި މަސައްކަތްކުރާ ބަޔަކަަށް ﷲ ސުބްޙާނަހޫ ވަތަަޢާލާ ދެއްވާ އެއްޗެއްކަން ޝިޔާމު ހަދުމަފުޅުކޮށް އެރުވިއެވެ. 

އޭގެ އިތުރަށް ހުރިހާ މުސްލިމުންވެސް ޤަބޫލުކުރަނީ ސުވަރުގެއަކީ ހެޔޮ އަމަލުކުރުންމަތީ ދެމިތިބޭ ބަޔަކަށް މާތްﷲ ދެއްވާ އެއްޗެއްކަމަށް ކަމުގައާއި އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެގޮތަށް ހަޑިކޮށް ރައީސާމެދު ވާހަކަދެއްކެވި ބޭފުޅުންނަށް ތެދުމަގު ދެއްކެވުން އެދިވަޑައިގަންނަވާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. 

އިދިކޮޅު ފަރާތްތަކުން ޒިންމާދާރު ސިޔާސީ މަސައްކަތްތައް ކުރުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއާ ޒާތީ ގޮތުން ދިމާކޮށްލައިގެން އުޅޭކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. އަދި ޒިންމާދާރުކަމެއް ނެތި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ މިފަދަ އަމަލުތަކަކީ 21 ވަނަ ޤަރުނުގެ ތަހުޒީބު ސިޔާސީ މަސައްކަތްތަކަށް އެކަށޭނެ ކަންކަން ނޫންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު